ގދ. ފިނޭ ކައުންސިލުން މަސްވެރިންގެ ދުވަސް ފާހަގަކުރަން ބާއްވާ މަސްރޭހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
12 ޑިސެމްބަރ ވާ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި މަސްރޭހުގައި ބައިވެރިވާން އެދޭ ޓީމްތަކުން 09 ޑިސެންބަރު 2025 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ ރޭހުގައި ބައިވެރިވުމަށް އެދޭ ފޯރމް އެކަމަށް ކަނޑައަޅާފައިވާ ލިންކް މެދުވެރިކޮށް ހުށަހެޅުމަށް ފިނޭންސް ކައުންސިލުން އެދިފައި ވެއެވެ.
ފިނޭ ކައުންސިލުން ވަނީ މަސް ރޭހުގެ ގަވައިދުވެސް އާންމުކޮށްފައެވެ. އެގަވައިދުގައިވާގޮތުންނަމަ، މަސްވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް އެފަރާތްތަކަށް ހިތްވަރުދިނުމާއި، މި ސިނާޢަތަށް ފިނޭގެ އިތުރު ޒުވާނުން ހޭލުންތެރިކުރުވައި ރަށުގެ މުޖުތަމަޢުގައި އެކަކު އަނެކަކަށް އޮންނަ ގުޅުން ބަދަހި ކުރުމުގެ މަގުސަދުގައި ކުރިޔަށްގެންދާ ރޭހެކެވެ. މި ރޭހުގައި، ބައިވެރިވެވެނީ ފިނޭގެ ރައްޔިތުންނާއި، އެރަށު މީހަކާއި ކައިވެނިކޮށްފައިވާ ފަރާތްތަކާއި، އެރަށުގައި ވަޒީފާ އަދާކުރާ ފަރާތްތަކާއި، މައިންބަފައިންގެ ތެރެއިން ބައްޕަ ނުވަތަ މަންމަ ފިނޭއަށް ނިސްބަތްވާ ފަރާތްތަކަށެވެ.
މަސް ރޭސް ކުރިޔަށްގެންދަނީ ވަނަ ވަނައަށްދާ ޓީމްތަކަށް ފައިސާގެ އިނާމްދޭގޮތަށެވެ. ވަނަ ވަނަވަނައަށްދާ ޓީމްތައް ކަނޑައަޅަނީ، މަހުގެ ބަރުދަނަށް ބަލައިގެންނެވެ. އެގޮތުން، އެންމެ ގިނަ ކިލޯ ކިރައިގެން 1 ވަނައަށްދާ ޓީމަށް 5000 ރުފިޔާ، 2 ވަނައަށްދާ ޓީމަށް 3000 ރުފިޔާ އަދި 3 ވަނައަށްދާ ޓީމަށް 2000ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި. މަސްރޭހުގައި އެންމެ ބަރު މަސް ބާނާ ފަރާތަކަށް 500 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ނިންމާފައި ވެއެވެ.
މިރޭހާއި ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން 6528117 ނަންބަރު ފޯނާ ގުޅާލުމަށް ނުވަތަ info@finey.gov.mv އަށް މެއިލް ކުރުމަށް ކައުންސިލުން އެދިފައި ވެއެވެ.