މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ “ފަސްމީރު” ބްރޭންޑުގެ އުފެއްދުންތައް ސްރީލަންކާއަށް ތައާރަފްވެގެންދިއުމުގެ ސަބަބުން، ދިވެހި ކަނޑުމަހުގެ އުފެއްދުންތައް ސީދާ ސްރީލަންކާގެ ކަސްޓަމަރުންނަށް ފޯރުކޮށްދެވި، ވިޔަފާރީގެ އައު ފުރުޞަތުތަކަކަށް މަގުފަހިވެގެންދާނެކަމަށް މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، “ފަސްމީރު” ބްރޭންޑުގެ އުފެއްދުންތައް ސްރީލަންކާއަށް ރަސްމީކޮށް އިފްތިތާހުކުރުމުގެގޮތުން މިއަދު ކޮލޮމްބޯގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ވަޒީރުގެ ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުފުޅާއެކު، މަސްވެރިކަމުގެ ދާއިރާ ފުޅާކޮށް، މަސްވެރިކަމުން ލިބޭ ނަފާއިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ހިއްސާކުރެއްވިއެވެ.
”ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، ދިވެހިރާއްޖެއިން މިހާރު އެންމެ އިސްކަމެއް ދެނީ ރާއްޖޭގައި މަހުގެ އުފެއްދުންތަކަށް އަގުއެއްކުރުމަށާއި (ވެލިއު އެޑިޝަން)، މަސްވެރިކަމުގެ ސިނާޢަތަކީ ތިމާވެށްޓާ ރައްޓެހި، ކާބަން މަދުކުރެވިފައިވާ ސިނާޢަތަކަށް ހެދުމަށް. އަދި ދުނިޔޭގެ ނިސްބަތުންވެސް އެންމެ ދެމެހެއްޓެނިވި ގޮތެއްގައި ކުރާ ދިވެހި މަސްވެރިކަމުން ލިބޭ އިޤްތިޞާދީ މަންފާ އިތުރުކުރުމަކީވެސް މި ސަރުކާރުގެ އަމާޒެއް.“ – ވަޒީރު އަޙްމަދު ޝިޔާމް
މިއަދު ސްރީލަންކާއަށް ”ފަސްމީރު“ ބްރޭންޑުގެ އުފެއްދުންތައް ތައާރަފްކުރުމާއެކު އެކަމަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، މިއަދު މި ފާހަގަކުރަނީ ސަރުކާރުގެ ތަޞައްވުރު ޢަމަލީ ގޮތުން ތަންފީޒުވަމުންދާ ކަމުގެ ވަރުގަދަ މިސާލެއްކަމަށެވެ. މީގެ ސަބަބުން ދިވެހި ކަނޑުމަހުގެ އުފެއްދުންތައް ސީދާ ސްރީލަންކާގެ ކަސްޓަމަރުންނަށް ފޯރުކޮށްދެވި، ވިޔަފާރީގެ އައު ފުރުޞަތުތަކަކަށް މަގުފަހިވެގެންދާނެކަަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ފާހަގަކުރެއްވިގޮތުގައި ދިވެހި ކަނޑުމަހުގެ އުފެއްދުން ލަންކާ ބާޒާރަށް ނެރެވުމަކީ ލަންކާއާއި ރާއްޖޭގެ ޒަމާންވީ ގުޅުން އެކި ދާއިރާތަކުން އިތުރަށް ބަދަހިވެގެންދިއުމެވެ.
”މިއީ ހަމައެކަނި ސްރީލަންކާގައި ދިވެހި މަހުގެ އުފެއްދުންތައް ބާޒާރަށް ނެރުމެއް ނޫން. މިއީ އިންޑިއާ ކަނޑުގައި ރާއްޖޭގެ އެންމެ ގާތް އަވަށްޓެރި އެއް ޤައުމާއެކު އޮތް ޒަމާންވީ ރަޙުމަތްތެރިކަމާއި، ވިޔަފާރި އަދި ސަގާފީ ބަދަހި ގުޅުން އިތުރަށް ވަރުގަދަވެގެންދިޔުން.“ – ވަޒީރު އަޙްމަދު ޝިޔާމް
ވަޒީރު ވަނީ، ދިވެހިރާއްޖެއާއެކު ބާއްވާ ގާތްގުޅުމާއި، ދެއްވާ ފުރިހަމަ އެއްބާރުލުމަށްޓަކައި ސްރީލަންކާގެ ރައްޔިތުންނަށާއި، ޑިވެލޮޕްމަންޓް އިންޓަރޕްލޭން ސިލޯން ޕްރަވެޓް ލިމިޓެޑްގެ ސީ.އީ.އޯ ޒުރައިޝް ހާޝިމަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި މި ފެށުނު މަސައްކަތަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހި ވެގެންދާނެ ކަމަށް އުންމީދު ކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ލަންކާގައި މިފްކޯގެ މަހުގެ އުފެއްދުންތައް ތަޢާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ. މި ރަސްމިއްޔާތުގައި ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްޢޫދު ޢިމާދު އާއި، މިފްކޯގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު އަނަސް އާއި ސްރީލަންކާގެ މިނިސްޓަރ އޮފް ޓްރޭޑް ކޮމާސް، ފުޑް ސެކިއުރިޓީ އެންޑް ކޯޕަރޭޓިވް ޑިވެލެޕްމަންޓް ވަސަންތާ ސަމަރަސިންގެ އާއި ޑިވެލޮޕްމަންޓް އިންޓަރޕްލޭން ސިލޯންގެ ސީއީއޯ ޒުރައިޝް ޙާޝިމް ބައިވެރިވެވަޑައިގެންނެވިއެވެ.
ސްރީލަންކާއަށް “ފަސްމީރު” ބްރޭންޑުގެ އުފެއްދުންތައް ރަސްމީކޮށް ތަޢާރަފުކުރެވުނީ ޑިވެލޮޕްމަންޓް އިންޓަރޕްލޭން ސިލޯން ޕްރައިވެޓް ލިމިޓެޑް (ޑީއައިސީއެލް) އާއެކު ވެފައިވާ “އެކްސްކްލޫސިވް ޑިސްޓްރިބިއުޝަން” އެއްބަސްވުމެއްގެ ދަށުންނެވެ. މި އެއްބަސްވުމުގެ ދަށުން، ސްރީލަންކާގެ ހޮޓާ، ރެސްޓޯރެންޓް އަދި ކޭޓަރިންގ ދާއިރާއަށް “ފަސްމީރު” ގެ އުފެއްދުންތައް ފޯރުކޮށްދިނުމާއި، ރީޓެއިލް އަދި ހޯލްސޭލް ބާޒާރަށް މި އުފެއްދުންތައް ނެރުމަށް ހަމަޖެހިފައިވާކަމަށް މިފްކޯއިން ބުންޏެވެ.
“ފަސްމީރު” ބްރޭންޑުގެ އުފެއްދުންތައް ދައްކާލައި އެ އުފެއްދުންތައް ތަޖުރިބާކުރުމުގެ ފުރުޞަތު މިއަދުގެ ރަސްމިއްޔާތުގެ ބައިވެރިންނަށް ފަހިކޮށްދީފައި ވެއެވެ. މިފްކޯއިން ސްރީލަންކާއަށް ތައާރަފްކުރި ފަސްމީރު ބްރޭންޑްގެ އުފެއްދުންތަކުގެ ތެރޭގައި އެކި ބާވަތްތަކުގެ މަސްދަޅުގެ އިތުރުން، ވަޅޯމަހާއި ރިހާކުރާއި މުގުރި މަސް ޕެކެޓް ހިމެނެއެވެ.