ޓްރާންސްފޯމިންގ ފިޝަރީޒް ސެކްޓަރ މެނޭޖްމަންޓް އިން ސައުތު-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް(ޓްރާންސްފޯމް)މަޝްރޫއުގެ ދަށުން، ފަރުމަހުގެ ބާވަތްތަކުގެ ބަޔޮލޮޖިކަލް ދިރާސާތަކެއްކޮށްދޭނެ ކޮންސަލްޓެންސީ ފާމެއް ހޯދުމަށް ފިޝަރީޒް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.
ފިޝަރީޒް މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވާގޮތުންނަމަ، މިމަޝްރޫޢަށް ވޯލްޑް ބޭންކުގެ އެހީގައި ވަނީ ފަންޑު ހަމަޖެހިފައެވެ. މި މަޝްރޫޢުގެ ދަށުން، ”މުހިންމު ފަރުމަހުގެ ބާވަތްތަކުގެ ބަޔޮލޮޖިކަލް ދިރާސާތައް“ ކުރުމަށް ކޮންސަލްޓެންސީ ފާމެއް ހޯދުމަށް ބޭނުންވާ ފައިސާ، މި މަޝްރޫޢަށް ލިބިފައިވާ ފަންޑުގެ ތެރެއިން ޚަރަދުކުރުމަށް މިނިސްޓްރީންވަނީ ނިންމާފައެވެ.
އެހެންކަމުން، މި މަސައްކަތަށް ޝަރުޠުހަމަވާ ކޮންސަލްޓެންޓުންނަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުސަތު މިނިސްޓްރީން މިހާރު ހުޅުވާލާފައިވާކަމަށާއި، އެފަރާތްތަކުން، މި މަސައްކަތް ކުރުމަށް ބޭނުންވާ ފަންނީ ޤާބިލުކަމާއި، ތަޢުލީމީ ފެންވަރުގެ އިތުރުން މަސައްކަތާ ގުޅުންހުރި ތަޖުރިބާ ހުރިކަން ސާބިތުކޮށްދޭނެ މަޢުލޫމާތު ހުށަހެޅުމަށް މިނިސްޓްރީން އެދިފައިވެއެވެ. މި މަސައްކަތަށް ކަނޑައެޅިފައިވާ ޓާރމްސް އޮފް ރިފަރެންސްއާ އެއްގޮތަށް، ކޮންސަލްޓެންޓުގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތަކާއި، ތަޖުރިބާ އަދި ޤާބިލުކަން ހުރިކަން ބަޔާންކޮށްދިނުމުގެ ގޮތުން ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކުން ލިޔެކިޔުންތައް ހުށަހަޅަންވާނެކަމަށް އިއުލާނުގައި ބުނެފައިވެއެވެ.
**
ހުށަހަޅަންޖެހޭ ލިޔެކިޔުންތައް**:
ކުންފުނީގެ ރަޖިސްޓްރީ ސެޓުފިކެޓު
ކުންފުނީގެ ތަޢާރަފު
ލެބޯޓްރީގެ ތަޢާރަފު
މިފަދަ މަސައްކަތްތައް ކޮށްފައިވާކަމުގެ ހެކި/ލިޔެކިޔުންތައް
ރެފަރެންސް ސިޓީ ނުވަތަ މަސައްކަތް ނިންމިކަމުގެ ސެޓުފިކެޓުތައް
’ޓާމްސް އޮފް ރެފަރެންސް‘ ގައި ބަޔާންކޮށްފައިވާ މަޤާމުތަކަށް ހުށަހަޅާ މައިގަނޑު މުވައްޒަފުންގެ ލިސްޓު
މިކަމަށް ޝައުގުވެރިވާ ކުންފުނިތަކުން އެ ފަރާތްތަކުގެ ”އެކްސްޕްރެޝަން އޮފް އިންޓަރެސްޓް“، 13 އެޕްރީލް 2026 ގެ 14:00 ގެ ކުރިން procurement.transform@fisheries.gov.mv އަށް މެއިލް ކުރަންޖެހެއެވެ.
ޖުމްލަ 64.8 މިލިއަން ޑޮލަރުގެ ޓްރާންސްފޯމިން ފިޝަރީޒް ސެކްޓާ މެނޭޖްމަންޓް އިން ސައުތު-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓް (ޓްރާންސްފޯމް)ގެ ދަށުން ރާއްޖެއަށް 52.8 މިލިއަން ޑޮލަރު ކަނޑައަޅާފައިވެއެވެ. އެއީ، ތަރައްގީވަމުން އަންނަ ގައުމުތަކަށް ލުއި ގޮތްތަކެއްގެ މަތިން އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ވޯލްޑް ބޭންކްގެ ގޮފި ކަމަށްވާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިން ރާއްޖެއަށް ދޭ 26.4 މިލިއަން ޑޮލަރުގެ ލޯނާއި 26.4 މިލިއަން ޑޮލަރުގެ ހިލޭ އެހީ އެވެ.
ދެކުނު ހުޅަނގު އިންޑިއާ ކަނޑުގެ ސަރަހައްދުގެ މަސްވެރިކަން ބެލެހެއްޓުން ހަރުދަނާކުރުމަށް ހިންގާ މި މަޝްރޫއަކީ ލިބެން ހުރި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޑޭޓާ އަދި ދިރާސާތައް ހަދައި، އެ މައުލޫމާތު ހިއްސާކުރުމުގެ ތެރެއިން ސަރަހައްދީ ގުޅުން ބަދަހިކުރުމާއި، މަސްވެރިކަމުގެ ސިނާއަތް ބަލަހައްޓައި ރައްކާތެރިކުރުމުގައި ގައުމުތަކުގެ ގާބިލިއްޔަތުކަން އިތުރުކުރުމުގެ މަގްސަދުގައި ކުރިޔަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ އަމާޒުތަކުގެ ތެރޭގައި މަސްވެރިކަމުގެ ސިނާއަތް ފުޅާކޮށް، ސިންދަފާތު ކުރުމަށް ދެމެހެއްޓެނިވި އަދި އެންމެންގެ ބައިވެރިވުން އޮންނަ އުސޫލުތައް ކުރިއެރުވުމާއި، ވިޔަފާރީގެ ވާދަވެރިކަމަށް ހުރި ހުރަސްތައް ނައްތާލުމާއި، މަސްވެރިކަމުގެ ސިނާއަތް ބެލެހެއްޓުމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުން ހިމެނެއެވެ.
ދެކުނު ހުޅަނގު އިންޑިއާ ކަނޑުގެ ސަރަހައްދުގެ ކަނޑު ރާއްޖެ އާއެކު އިތުރު 11 ގައުމަކުން ހިއްސާކުރެ އެވެ. އެއީ, ކެންޔާ، މޮޒަމްބީކް، ސޯމާލިއާ، ދެކުނު އެފްރިކާ، ޓެންޒޭނިއާ، ޔަމަން، ކޮމޮރޯސް، ލާ ރިޔޫނިއަން، މަޑަގަސްކަރަ، މޮރިޝަސް އަދި ސީޝެލްސްއެވެ.