ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް ކުދި ކަންނެލި 20 ރުފިޔާގެ ރޭޓުން ގަންނަން ފަށައިފި އެވެ.
މިފްކޯއިން މިއަދު ބުނީ މިފްކޯގެ ލޭންޑިންގ ފެސިލިޓީތަކަށާއި މަސް ކިރާ ބޯޓްތަކައް 10 ކިލޯއާްއި 15 ކިލޯއާ ދޭތެރޭ ބަރުދަނުގެ ކަންނެލި 20 ރުފިޔާ ރޭޓުން މިއަދު ގަންނަން ފަށާފައިވާކަމަށެވެ. މިގޮތައް ނިންމީ މިހާރުު އެކުންފުންޏަށް ކަންނެލި ވިއްކަމުންދާ މަސްވެރިންނަށް އިތުރު ލުޔެއް ދިނުމުގެ ގޮތުންކަމަށް މިފްކޯއިން ބުންޏެވެ.
”މިހާތަނަށް މިފްކޯއަށް ގަންނަމުން މިއައީ 15 ކިލޯއިން މަތީގެ ކަންނެލި. އޮޑިއަކަށް ބާނާނެތާ އެކި ސައިޒްގެ ކަންނެލި. އެހެންވީމަ މިވާގޮތަކީ މިފްކޯއަށް އެ ސައިޒުގެ މަސް ވިއްކާލާފަ ދެންހުރި ކަންނެލި ވިއްކަން އެހެން ގޮތެއް ހޯދަން މިޖެހެނީ. އެހެން ދިމާއަކަށް ދުއްވަން މިޖެހެނީ. އެއީ ވަރަށް ބޮޑު ތަކްލީފެއް. އެހެންވީމަަ މިކަމަށް ގެނެވޭ އަވަސް ހައްލެއްގެ ގޮތުން އިއްޔެ މި ކުންފުނިން ނިންމީ 10 ކިލޯއާްއި 15 ކިލޯއާ ދޭތެރޭ ބަރުދަނުގެ ކަންނެލި 20 ރުފިޔާ ރޭޓުން މިއަދުން ފެށިގެން ގަންނަން ފަށަން. މިއީ މަސްވެރިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއި ފަސޭހައެއް.“ މިފްކޯގެ އޮފިޝަލް ވިދާޅުވިއެވެ.












