ދިވެހި ފުލުހުންގެ ޚިދުމަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައިހުރި ހުއިފިލަނޑާތަކެއް ނީލަމުގައި ވިއްކާލަން ނިންމައިފިއެވެ.
އިއްޔެ ފުލުހުންގެ އިދާރާއިން ނެރުނު އިއުލާނަކުން ވަނީ ހުއިފިލަނޑާތަކެއް ނީލަމުގައި ވިއްކާލަަން އާންމުކޮށް އަންގައި އެތަކެތި ނީލަމުގައި ވިއްކާލުމަށް ހުޅުވާލާފައެވެ.
އިއުލާނުގައި ބުނެފައިވަނީ ނީލަމުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން ”ނީލަމުގައި ރަޖިސްޓަރީވާ ފޯމް“ ފުރިހަމަ ކުރުމަށްފަހު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއެކު ފުލުހުންގެ ޚިދުމަތުގެ މެއިލް އެޑްރެސް finance.asset@police.gov.mv އަދި am_c2096@police.gov.mv އަށް ފޮނުވުމަށް އެދޭކަމަށެވެ.
ނީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ، 2026 މާރިޗް 8 ވަނަ ދުވަހުގެ ހެނދުނުގެ 10:00 އެވެ. ނީލަމަށް ރަޖިސްޓްރީ ކުރަން ދީފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެކަމަށް ފުލުހުން ބުނެފައި ވެއެވެ. އަދި ނީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމުގައި ބަޔާންކުރާ އިތުރު ފާރާތެއް ހިމެނުމަށް ނުވަތަ ބަދަލު ކުރުމަށްފަހު ފޯމު ހުށަހެޅޭނެ އެންމެ ފަހު ވަގުތަކީ، 2026 މާރިޗް 8 ވަނަ ދުވަހުގެ ހެނދުނުގެ 10:00 ކަމަށްވެސް އިއުލާނުގައި ބުނެފައި ވެއެވެ.
ނީލަން ކިޔުމަށް ހަމަޖހެިފައިވަނީ ކ. ދޫނިދޫގައި 2026 މާރިޗް 9 ވަނަ ދުވަހުގެ 10:00ގައެވެ.ނީލަން ކިއުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ނީލަމުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.
ނީލަންކިޔުން ދުވަހުނީލަން އުސޫލުން ކުރިޔަށްގެންދަން ހަމަޖެހިފައިވާކަމަށާއި، ނީލަން ކިޔާނީ ހާޒިރީންގެ ހާޒިރުގައި އަނގަބަހުންކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފައި ވެއެވެ. އަދި ނީލަމަށް އަގު އިތުރުކުރަން ހުށަހަޅާނީވެސް ހާޒިރީންނަށް އަޑުއިވޭވަރަށް އަނގަބަހުންކަމަށާއި، ގަޑި ޖެހުމަށްފަހު ހާޒިރުވާ ފަރާތްތަކަށް ނީލަމުގައި ބައިވެރިނުވެވޭނެކަމަށް، ފުލުހުންގެ ޚިދުމަތުން ބުނެފައި ވެއެވެ.
ނީލަމުގައި ވިއްކާލަނީ ކިހާ އަދަދެއްގެ ހުއިފިލަނޑާތަކެއް ކަމެއް އިއުލާނުގައި ބުނެފައެއް ނުވެއެވެ. އެހެންނަމަވެސް ވިއްކާލާ ހުއިފިލަނޑާގެ ބާވަތްތަކާއި ނީލަން ފެށޭ އަގު އިއުލާނާއެކު އާންމުކޮށްފައި ވެއެވެ. ވިއްކާލާ ހުއިފިލަނޑާގެ ބާވަތްތަކުގެ ތެރޭގައި ކައްޗަލަ، ހުދުބަޓު، ކަޅުބަޓު އަދި އަލަނާސި ހިމެނެއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، ނީލަމުގައި ވިއްކާލަން ނިންމާފައިވާ ހުއިފިލަނޑާތަކަކީ، ދިވެހިރާއްޖެއިން އެކްސްޕޯޓް ކުރުން މަނާތަކެތިކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން އަންގަވާފައިވާކަމަށެވެ.