ގއ. ކޫއްޑޫގައި ސަރުކާރުން ތަރައްޤީ ކުރާ ބަނދަރުގެ %56 މަސައްކަތް ނިމިފައިވާކަމަށް އެ މަޝްރޫޢުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ(އެމްޓީސީސީ)އިން ބުނެފިއެވެ.
ކޫއްޑޫ ބަނދަރު ޑިޒައިންކުރުމާއި، ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް މިހާރު ކުރިޔަށްދާގޮތް ހިއްސާކުރަމުން އެމްޓީސީސީން ބުނެފައިވަނީ، ބަނދަރުގެ ’ކުއޭ ވޯލް‘ އަޅަން ބޭނުންކުރާ ކޮންކްރީޓް ބްލޮކްސް އެތުރުމުގެ މަސައްކަތް މިހާރު ކުރިޔަށްދާކަމަށާއި، އެ މަސައްކަތުގެ %88 މަސައްކަތް މިހާތަނަށް ނިމިފައިވާކަަމަށެވެ. މިއާއެކު، މުޅި މަޝްރޫއުގެ ޖުމްލަ %56 މަސައްކަތައް ނިމިފައިވާކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
78.37 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން، 90 މީޓަރުގެ ޝީޓް ޕައިލް އެޅުމާއި، 365 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށިލުމާއި، 325 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 33,300 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 56,216 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރަން ޖެހެއެވެ. އަދި، 89,516 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އަޅައި، ބިން ހިއްކައި، 87 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖަހައި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރަންޖެހެއެވެ.












