މިއަދު ހެނދުނުގެ ވަގުތެއްގައި ގދ.ގައްދޫއިން ފުރައިގެން ގދ.ގަމަށް ޑިންގީއެއްގައި ދަތުރުކުރި އުމުރުން ދުވަސްވީ މީހަކު ގެއްލިގެން ހޯދަމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ގެއްލިގެން ހޯދަމުންދަނީ އުމުރުން 75 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން މިރޭ ބުނީ، އެމީހާ ގައްދޫން ފުރާފައިވަނީ މިއަދު ހެނދުނު 09:30 އެހާކަށްހާއިރުކަމަށާއި، އޭނާގެ ޚަބަރެއް ނުވެގެން ފުލުހަށް ރިޕޯޓްކޮށްފައިވަނީ މިއަދުގެ ހަވީރު 17:05 ހާއިރުކަމަށެވެ. އެމީހާ އެންމެ ފަހުން ފެނުނުއިރު ލައިގެންހުރީ ނޫ ކުލައިގެ ކުރު ގަމީހަކާއި ކަޅުކުލައިގެ ޝޯޓެއްކަމަށާއި، މިހާތަނަށް ބެލިބެލުމުން ހެނދުނު 11:15 ހާއިރު އެމީހާ ގަމުން ފުރާފައިވާކަމުގެ މަލުއުލޫމާތު ލިބިފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.
އެ މީހަ ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެމްއެންޑީއެފް ސައުތު ރީޖަން ކޯސްޓްގާޑުން ބޭރުގެ ކަނޑުގެ ސަރަހައްދު ބަލަމުންދާކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފައިވެއެވެ. އަދި ގަމާއި ކައިރި ފަޅު ރަށްތައް ބެލުމުގެ މަސައްކަތް ފުލުހުން ކުރަމުންދާކަމަށްވެސް ފުލުހުންގެ ޚިދުމަތުން ބުނެފައިވެއެވެ.
ގެއްލިގެން ހޯދަމުންދާ މީހާ ގަމަށް ދަތުރުކުރީ ކޮންކަމެއްގައިކަމެއް އަދި ސާފެއްނުވެއެވެ.