މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރަން މުަލަކަތޮޅު ނާލާފުށީގައި މަސް ރޭހެއް ބާއްވަން އެރަށު ކައުންސިލުން ނިންމައިފި އެވެ.
ނާލާފުށީ ކައުންސިލުން ބުނީ މި މަސް ރޭހަކީ، ރަށުފެންވަރުގައި ފާހަގަކުރުމަށްޓަކައި، އެރަށުގެ ރައްޔިތުންނަށް އާންމުކޮށް ހުޅުވާލައިގެން ބާއްވާ ރޭހެއްކަމަށެވެ. އަދި ރޭސް ބާއްވާނީ 06 ޑިސެމްބަރ 2025 ވާ ހޮނިހިރު ދުވަހުކަމަށް ކައުންސިލުން ބުންޏެވެ.
ނާލާފުށީ ކައުންސިލުން މިއަދު ވަނީ މަސް ރޭހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައެވެ. ރޭހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ”ނާލާފުށީ ކައުންސިލްގެ މަސްރޭސް 2025“ ގެ ބައިވެރިވުމަށް އެދޭ ފޯމު ފުރުއްވުމަށްފަހު 04 ޑިސެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ހުށަހެޅުމަށް ކައުންސިލުން އެދިފައި ވެއެވެ. ފޯމު ކައުންސިލް އިދާރާއަށް ނުވަތަ މެއިލް މެދުވެރިކޮށްވެސް ހުށަހެޅިދާނެއެވެ. ފޯމް މެއިލްކުރާނީ info@naalaafushi.gov.mv** ** އަށެވެ.
ކައުންސިލުން މިއަދު ވަނީ މަސް ރޭހުގެ ޤަވާއިދުވެސް އާންމުކޮށްފައެވެ. އެ ގައިވައިދުގައިވާގޮތުންނަމަ، މި ރޭހުގައި ބައިވެރިވެވޭނީ ނާލާފުށީ ރައްވެހިންނަށާއ،ި ނާލާފުށީގެ ފަރާތްތަކާއި ކައިވެނީގެ ގޮތުން ގުޅިގެންއުޅޭ ފަރާތްތަކަށާއި ނާލާފުށީގައި ވަޒީފާ އަދާކުރަމުންދާ މީހުންނަށެވެ. އަދި، ރޭސް ކުރިއަށް ގެންދާނީ މަދުވެގެން ތިން ޓީމަކުން ބައިވެރިވެއްޖެނަމަކަމަށާއި، ރޭހުގައި ބައިވެރިވާ ކޮންމެ ޓީމެއްގައި މަދުވެގެން 04 މެންބަރުން އަދި ގިނަވެގެން ކޮންމެ ޓީމެއްގައިވެސް ތިބެވޭނީ 14 މެންބަރުންނަށްކަމަށް ގަވައިދުގައި ބުނެފައި ވެއެވެ. މީގެ އިތުރުން، ކޮންމެ ޓީމަކަށްވެސް މަހަށް ފުރޭނީ މަދުވެގެން 04 މެންބަރުން މަހަށް ފުރަން ތިބިނަމަކަމަށްވެސް ގައިވައިދުގައި ބުނެފައި ވެއެވެ.
މުބާރާތުގައި ވަނަތައް ހޮވަނީ ބާނާ މަހުގެ ބަރުދަން ބަލައިގެން އެންމެ ގިނަ ކިލޯ ކިރާ ޓީމްތަކަށެވެ. އެގޮތުން އެއްވަނަ، ދެވަނައަދި ތިންވަނަ ޓީމްގެ އިތުރުން އެންމެ ގިނަމަސް ބާނާ ޓީމާއި، އެންމެ ބަރުމަސް ބާނާ ފަރާތައްވެސް ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވެއެވެ.
ރޭޙުގައި، ހޮވުމަށް ހަމަޖެހިފައިވާ މަގާމުތަކާއި ކަނޑައެޅިފައިވާ އިނާމުތައް:
-ރޭހުގެ 1ވަނަ ޓީމް:3،500 ރުފިޔާ
-ރޭހުގެ 2ވަނަ ޓީމް:2،500 ރުފިޔާ
-ރޭހުގެ 3ވަނަ ޓީމް:1،500 ރުފިޔާ
-އެންމެ ބަރުމަސް ބޭނި ފަރާތް:500 ރުފިޔާ
-އެންމެ ގިނަމަސް ބޭނި ޓީމް: 500ރުފިޔާ
ނާލާފުށިާ ކައުންސިލް މަސްރޭސް 2025 އަކީ ނާލާފުށީ ރައްޔިތުންގެ އިޖްތިމާއީ އެއްބައިވަންތަކަން އިތުރުކޮށް، މަސްވެރިކަމުގެ ރޫހު އާލާކޮށް ދިރުވައ،ި މަސްވެރިންގެ ދުވަސް ކުލަގަދަ ގޮތެއްގައި ރަށު ފެންވަރުގައި ފާހަގަ ކުރުމުގެ ގޮތުން ކުރިޔަށްގެންދާ ރޭހެކެވެ.