މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ޔޫރަޕިއަން ޕާލަމެންޓުގެ މެންބަރުންނާ އެކު ކާމިޔާބު ބައްދަލުވުމެއް ބާއްވަވައިފިއެވެ.
މިހާރު ރާއްޖޭގައި ކުރިޔަށްދާ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީ) ގެ 30 ވަނަ ބައްދަލުވުމުގެ ހަވާސާގައި، ބޭއްވެވި މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ ދިވެހިރާއްޖެއާއި ޔޫރަޕިއަން ޔޫނިއަން (އީ.ޔޫ) އާ ދެމެދު އޮތް ދެފަރާތުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށާއި، ވިޔަފާރީގެ ދާއިރާއިން ކުރިމަތިވާ ހުރަސްތައް ނައްތާލުމަށް ކުރެވިދާނެ މަގުތައް ދެނެގަތުމާ ގުޅޭގޮތުންނެވެ.
މީގެ އިތުރުން، ޔޫރަޕުގެ އިންވެސްޓްމަންޓްތައް ރާއްޖެއަށް އިތުރުކުރުމާ ބެހޭގޮތުންނާއި، ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ބެލެހެއްޓުމުގައި ރާއްޖެއިން ހޯދާފައިވާ ނަމޫނާ ކާމިޔާބީތައް އިންޑިއާ ކަނޑުގެ ސަރަހައްދުގެ އެހެން ގައުމުތަކުގައިވެސް ތަންފީޒުކުރުމާ ގުޅޭގޮތުން މި ބައްދަލުވުމުގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރެވިފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެފައި ވެއެވެ.











