މަސްވެރިކަމުގެ ދާއިރާއިން ސަރުކާރަށް ބޭނުންވާ ފަންނި ލަފަޔާއި އިރުޝާދު ދިނުމަށް އެކުލަވާލާ ކޮމިޓީގައި ބައިވެރިވުމުގެ ފުުރުސަތު ހުޅުވާލައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިއްޔެ ނެރުނު އިއުލާނަކުން ވަނީ ރާއްޖޭގައި މަސްވެރިކަމާއި މެރިކަލްޗަރގެ ސިނާއަތު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވައި ތަރައްޤީކޮށް، އެ ސިނާއަތުގެ ކުރިމަގު ބައްޓަންކުރުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ސަރުކާރަށް ބޭނުންވާ ލަފައާއި މަޝްވަރާ ދިނުމަށްޓަކައި،“ފިޝަރީޒް ސެކްޓަރ އެޑްވައިޒަރީ ކޮމިޓީ“ އެއް އެކުލަވާލަން ނިންމިކަން ހާމަކޮށްފައެވެ. ޖުމްލަ އެގާރަ މެންބަރުން ހިމެނޭގޮތައް ކޮމިޓީ އެކުލަވާލަނީ ކެޔޮޅުންނާއި، މަސްވެރިންނާއި، އޮޑިވެރިންނާއި، މަސްވެރިކަމާއި މެރިކަލްޗަރގެ ޢިލްމީ/ފަންނީ ތަޖުރިބާކާރުން ތަމްސީލުކުރެވޭ ގޮތަށެވެ.
#
ތަމްސީލުކުރާ ދާއިރާ
މެންބަރުންގެ ޢަދަދު
މަސްވެރިން
2
އޮޑިވެރިން
2
ކެޔޮޅުން
2
މަސްވެރިކަމާއި މެރިކަލްޗަރގެ ޢިލްމީ/ފަންނީ ތަޖުރިބާކާރުން
2
މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ޕްރައިވެޓް ސެކްޓަރުގެ ކުންފުނިތަކުން (އިންޑަސްޓްރިއަލް އޮޕަރޭޓަރުން، ޕްރޮސެސިންގ ފެސިލިޓީތައް، އެކްސްޕޯޓަރުން، އެކުއަކަލްޗަރ / މެރިކަލްޗަރ ސެކްޓަރުގައި ހަރަކާތްތެރިވާ ފަރާތްތައް)
3
ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި، މަސްވެރިކަމާއި މެރިކަލްޗަރގެ ދާއިރާ ތަރައްޤީކޮށް ހަރުދަނާކުރުމާބެހޭ ގޮތުން ލަފައާއި މަޝްވަރާ ދިނުމާއި،ދުނިޔޭގެ މަސްވެރިކަމާއި މެރިކަލްޗަރގެ ސިނާއަތަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ރާއްޖޭގެ މަސްވެރިކަމާއި މެރިކަލްޗަރގެ ސިނާއަތަށް ގެންނަންޖެހޭ ބަދަލުތަކާއި، މަސްވެރިކަމާއި މެރިކަލްޗަރގެ ދާއިރާ ޑައިވާސިފައިކުރުމަށް އަލަށް ތަޢާރުފުކުރެވެން ހުރި ކަންކަމާއި، އެ ދާއިރާގެ އިނޮވޭޝަން ކުރިއެރުވުމަށް ޓެކްނޯލޮޖީ ބޭނުންކުރުމާބެހޭގޮތުން ލަފައާއި މަޝްވަރާ ދިނުމާއި، މަސްވެރިކަމާއި މެރިކަލްޗަރގެ އުފެއްދުންތަކުގެ ފެންވަރު ހިފެހެއްޓުމާއި، އެ އުފެއްދުންތަކުގެ ފެންވަރު ކަށަވަރުކުރާނެ (ކޮލިޓީ އެޝުއަރަންސް) ނިޒާމުތައް ގާއިމުކުރުމާ/ހަރުދަނާކުރުމާ ގުޅޭގޮތުން ލަފައާއި މަޝްވަރާ ދިނުމާއި، މަސްވެރިކަމާއި މެރިކަލްޗަރގެ ސިނާއަތުގެ ތަރައްޤީއަށް މުހިންމު އިންފްރާސްޓްރަކްޗަރ ވަސީލަތްތައް ގާއިމުކުރުމާ ބެހޭގޮތުން ލަފައާއި މަޝްވަރާ ދިނުމާއި، ރާއްޖޭގެ މަސްވެރިކަމާއި މެރިކަލްޗަރގެ ސިނާއަތުގައި އިންވެސްޓްކުރުމުގެ ފުރުސަތުތައް ފަހިކުރުމާގުޅޭ ގޮތުން ލަފައާއި މަޝްވަރާ ދިނުމުގެ އިތުރުން، މަސްވެރިކަމާއި މެރިކަލްޗަރގެ ދާއިރާއިން މީހުން ބިނާކުރުމާއި، އެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ގާބިލުކަން އިތުރުކުރުމާއި، އެ ދާއިރާގައި މުޖުތަމައުގެ ދައުރު ފުޅާކުރުމާ ބެހޭގޮތުން ލަފައާއި މަޝްވަރާ ދިނުން ހިމެނެއެވެ.
މި ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތުވެސް އިއްޔެވަނީ ހުޅުވާލާފައެވެ. ކޮމިޓީގެ މެންބަރުކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު 16 ފެބުރުވަރީ 2026 ވާ ހޯމަ ދުވަހުގެ 12:00 ގެ ނިޔަލަށް ހުޅުވާލާފައިވާއިރު، މެންބަރުކަމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން ލިބޭނެއެެވެ. އަދި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެއެވެ.
*** މަސްވެރިކަމުގެ ދާއިރާގެ ކޮމިޓީގެ މެންބަރުކަމަށް ހުށަހަޅާ ފަރާތްތަކަށް ބޭނުންވާ ފައިލްތައް:**
ކުށާއި ދަރަނީގެ ރިކޯޑް ފޯމް – ފިޝަރީޒް ސެކްޓަރ
ކުށާއި ދަރަނީގެ ރިކޯޑް ފޯމް – ފިޝަރީޒް ސެކްޓަރ
މެންބަރޝިޕް ފޯމް – ފިޝަރީޒް ސެކްޓަރ
މެންބަރޝިޕް ފޯމް – ފިޝަރީޒް ސެކްޓަރ