ދިވެހިންގެ ދިރިއުޅުމާއި އާދަކާދަތައް ގުޅިފައިވާ ކަނޑުގެ މުހިންމުކަން ފާހަގަކުރައްވައި، ކަނޑުތަކުގެ ނަފާ އިތުރުކުރުމަށާއި ކަނޑުތަކާ ގުޅޭ ދިރާސާތަކަށް އިސްކަންދޭންޖެހޭކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ މުނާސަބަތުގައި ވަޒީރު އާންމުކުރެއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ 99 އިންސައްތައަށް ވުރެ ބޮޑު ސަރަހައްދަކީ ކަނޑުކަމަށްވާއިރު، އިގްތިސާދީ ނާރެހަކީ ވެސް ކަނޑުކަމަށެވެ.
މޫސުމީ ބަދަލުތަކުގެ ގޮންޖެހުންތައް
މި އަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ ޝިއާރަކީ ”REIMAGINE: Beyond the world we know, a new relationship with our ocean“ ނުވަތަ ””އައު ތަޞައްވުރެއް: އަހަރެމެންނަށް އެނގޭ ދުނިޔެއަށްވުރެ ބޭރުން، ކަނޑުތަކާއެކު އައު ގުޅުމެއް“ އެވެ. މި ޝިއާރުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ދުނިޔޭގެ އިގްތިސާދީ ހާލަތާއި މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
ހާއްސަކޮށް، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު ހޫނުވެ، މަސްތައް ދުރު ހިސާބުތަކަށް ހިޖުރަކުރުމުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ އިގްތިސާދު ސިންދަފާތުކުރުން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އަމާޒަކީ، ކަނޑުގެ ވަސީލަތްތަކުން ލިބޭ މަންފާ އިތުރުކުރުމަށްޓަކައި އެކުއަކަލްޗަރ ފަދަ އާ ދާއިރާތައް ފުޅާކުރުމެވެ. މިގޮތުން، ރާއްޖެއަށް ސީވީޑް އެކުއަކަލްޗަރ ތައާރަފްކޮށް، ފުރަތަމަ ޝިޕްމަންޓް އެކްސްޕޯޓްކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އެފްއޭއޯގެ އެހީގައި ސީވީޑް އުފެއްދުންތައް އުފެއްދުމުގެ އާ ޕްރޮޖެކްޓަކަށް ފެހި ސިގްނަލް ލިބިފައިވާ ކަމަށާއި، ޖަޕާނު ސަރުކާރުގެ އެހީގައި އިތުރު ޕްރޮޖެކްޓެއް އެކުލަވާލުމަށް މަޝްވަރާކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ސައިންޓިފިކް ދިރާސާތަކުގެ މުހިންމުކަން
”އޯޝަން ޑެކޭޑް“ގެ މި ދުވަސްވަރު، ކަނޑުތައް ރައްކާތެރިކުރުމަށް ފުރިހަމަ ސައިންޓިފިކް މައުލޫމާތު ހޯދުމަކީ މުޅި ދުނިޔެ ވެސް ކުރަމުން އަންނަ މަސައްކަތެއްކަން ފާހަގަކުރައްވައި، ވަޒީރު ވަނީ މިކަމުގައި ދިވެހިން އެންމެ ކުރީ ސަފުގައި މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ.
ކަނޑުގެ ދިރުންތަކާއި ފަރުތައް ރައްކާތެރިކޮށް، އަންނަން އޮތް ޖީލުތަކަށް މި މުއްސަނދިކަން ފޯރުކޮށްދިނުމަކީ ކޮންމެ ދިވެއްސެއްގެ ވެސް ޒިންމާއެއްކަން ފާހަގަކުރައްވައި، ވަޒީރުގެ މެސެޖް ނިންމަވާލެއްވީ ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް އިލްތިމާސްކުރައްވަމުންނެވެ.
ކޮންމެ އަހަރެއްގެވެސް ޖޫން 8 ފާހަގަކުރަމުން ދަނީ ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ ގޮތުގައެވެ. މި ދުވަސް ފާހަގަކުރަނީ، ދިރުންތަކަށް ކަނޑުތަކުން ލިބޭ ނުހަނު ބޮޑު މަންފާއާއި އެކަމުގެ މުހިންމުކަން ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށެވެ. މީގެ މައިގަނޑު ބޭނުމަކީ، ކަނޑުތަކަށް ކުރިމަތިވެފައިވާ ތިމާވެށީގެ ނުރައްކާތަކާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން ކަނޑުތަކަށް ލިބޭ ގެއްލުންތަކުގެ ވާހަކަ ދައްކައި، ކަނޑުތައް ހިމާޔަތްކުރުމަށް ބައިނަލްއަގްވާމީ ފެންވަރުގައި އެންމެން ގުޅިގެން މަސައްކަތްކުރުމަށް ބާރުއެޅުމެވެ.