ސްޕެއިންގެ ބާސެލޯނާގައި ކުރިއަށްދާ ދަ ގްލޯބަލް ސީފުޑް މާކެޓް ޕްލޭސް 2026 ގައި ދިވެހިރާއްޖޭގެ މަސްވެރިކަން ޕްރޮމޯޓްކޮށްފި އެވެ.
ރާއްޖޭގެ މަސްވެރިކަން ޕްރޮމޯޓްކޮށްފައިވަނީ، ފެއާގެ ހަވާސާގައި، ”ފްރޮމް މޯލްޑިވްސް ޓު ދި ވޯލްޑް“ މި ޝިއާރުގެ ދަށުން ބޭއްވި ހާއްސަ ޕެނަލް ޑިސްކަޝަންއެއްގައެވެ.
ދިވެހިރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަމަށް ޚާއްޞަ ރޭޓިންގްއެއް ސީފުޑް ވޮޗް އިން ކަނޑައެޅުމުން އެކަން ޕްރޮމޯޓްކޮށް ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ މިޕެނަލް ޑިސްކަޝަންގައި މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް މިނިސްޓަރ އަޙްމަދު ޝިޔާމްއާއި މޮންޓެރީ ބޭ އެކްވަރިއަމްގެ ޕޮލިސީ އެންޑް ސްޓޭކްހޯލްޑަރ އެންގޭޖްމަންޓް ޑިރެކްޓަރު ޖޯޝް މަޑޭރާ އަދި މިފްކޯގެ ސްޓްރެޓެޖިކް ކޮންސަލްޓަންޓް އާތިފް ޝުކޫރު ބައިވެރިވެވަޑައިގަތެވެ.
މި ޕެނަލް ޑިސްކަޝަންގައި ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގައި ހުރި ގޮންޖެހުންތަކާއި ދާއިރާގައި ހުރި ފުރުސަތުތަކާއި ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުމާއި، ދުނިޔޭގެ މާކެޓަށް ވަދެވޭނެ ގޮތާއި، އަގު އުފެއްދުމާއި ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.
ދަ ގްލޯބަލް ސީފުޑް މާކެޓް ޕްލޭސް 2026 އަކީ، މުޅި ދުނިޔޭގެ ސީފުޑް އިންޑަސްޓްރީ ގުޅުވައިދޭ ޕްރިމިއާ ގްލޯބަލް ސީފުޑް މާކެޓް ޕްލޭސް އެވެ. 3 ދުވަހުގެ މުއްދަތަށް ބާސެލޯނާގައި ކުރިއަށްދާ މި ފެއާގައި ރާއްޖޭގެ އިތުރުން ގިނަ ގައުމުތަކަކުން ބައިވެރިވިއެވެ.
މި ފެއާގައި ރާއްޖޭގެ ފަރާތުން މިނިސްޓަރ އޮފް ފިޝަރީސް އެގްރިކަލްޗަރ އޯޝަން ރިސޯސަސް އަހުމަދު ޝިޔާމް އާއި މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބައެއް ކުންފުނިތަކުން ބައިވެރިވިއެވެ. އޭގެ ތެރޭގައި މޯލްޑިވްސް ފިޝަރީސް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕަރޭޝަނާއި މިފްކޯއާއި ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑާއި އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑާއި ބްލޫ ސޯލްވޯޓާ ޕްރައިވެޓް ލިމިޓެޑާއި ބިގް ފިޝް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ހިމެނެއެވެ.