ސަރުކާރުގެ މަސް ކުންފުނި(މިފްކޯ) އަށް މިދިޔަ ޖެނުއަރީ މަހު މަސް ވިއްކި އޮޑިފަހަރުތަކަށް 40.3މިލިއަން ރުފިޔާ ދޫކޮށްފި އެވެ.
މިފްކޯއިން އިއްޔެ އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުންނަމަ، މިދިޔަ މަހު ޖުމްލަ 236 އޮޑިކުން 2454.34 ޓަނުގެ މަސް މިފްކޯގެ އެކި ފެސިލިޓީތަކަށާއި، ބޯޓްފަހަރަށް ގަނެފައި ވެއެވެ. އަދި އޮޑިފަހަރުން މިފްކޯއިން ގަތް ތެލާއި އައިހަށް ކެނޑުމަށްފަހު ޖުމްލަ 40،396،111.60 ރުފިޔާ އޮޑިފަހަރަށް ދޫކޮށްފައި ވެއެވެ.
މިދިޔަމަހު މިފްކޯއަށް އެންމެ ގިނަ އަދަދަކަށް ކިރާފައިވަނީ ކަޅުބިލަމަހެވެ. 199އޮޑިއަކުން 2301.73 ޓަނުގެ މަސްކިރާފައިވާއިރު، އެ އޮޑިފަހަރަށް 36.9 މިލިޔަން ރުފިޔާ ދޫކޮށްފައިވެއެވެ.
މިފްކޯއިން މިދިޔަމަހު ގަތް ކަންނެލި މަހުގެ ތަފްސީލަށް ބަލާއިރު، 168އޮޑިއަކުން 10 ކިލޯއިން މަތީގެ 80.45 ޓަނުގެ މަސް ގަނެފައިވެއެވެ. އަދި އެ މަހަށް ޖުމްލަ 1.6 މިލިޔަން ރުފިޔާ ދޫކޮށްފައިވެއެވެ. މީގެއިތުރުން، 148އޮޑިއަކުން 15ކިލޯއިން މަތީގެ 72.16 ޓަނުގެ މަސް ގަނެފައިވާއިރު، އެމަހަށް ޖުމްލަ 1.8 މިލިޔަން ރުފިޔާ ދޫކޮށްފައިވެއެވެ.