މިއަަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރ. ވާދޫގައި މަސްރޭހެއް ބާއްވަން އެ ރަށު ކައުންސިލުން ނިންމައިފި އެވެ.
މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މަސްރޭހެއް ބޭއްވުމަށް ކައުންސިލުން ނިންމީ މަސްވެރިކަމުން ނަފާ ހޯދުމަށް ރައްޔިތުން ޝައުޤުވެރިކުރުވައި، މަސްވެރިކަން ކުރިއެރުވުމުގެ މަގުސަދުގަ އެވެ، މި މަސްރޭސް އޮންނާނީ ޑިސެމްބަރ 20ވާ ހޮނިހިރު ދުވަހުގެ ހެނދުނު 7:00 އިން ހަވީރު 17:00 އަށް ކަމަށް ކައުންސިލުން ބުނެފައި ވެއެވެ. މިރޭހުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ކައުންސިލުން ވަނީ ހުޅުވާލާފަ އެވެ. މިރޭހުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 2025 ޑިސެމްބަރ 09 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން އެކަމަށް އެދޭ ފޯމު، ފުރިހަމަ ކުރުމަށްފަހު، ހުށަހަޅަން ޖެހެނީ ކައުންސިލް އިދާރާއަށެވެ.
ވާދޫ ކައުންސިލުން ބުނީ މި މަސްރޭސް ވާދަވެރި މުބާރާތެއްގެ ގޮތުގައި ކުރިޔަށް ގެންދަން ބޭނުންވާކަމަށާއި، ވާދޫގެ ރަށްވެހިންނާއ،ި ވާދޫގައި ދިރިއުޅޭ ފަރާތްތަކުގެ އިތުރުން ރަށުން ބޭރު ފަރާތެއް ނުވަތަ ފަރާތްތަކެއްވެސް ޓިމްތަކުގައި ބައިވެރި ކުރެވިދާނެކަމަށެވެ. އެހެންނަމަވެސް ޓީމުގެ މަސްއޫލުވެރިފަރާތް ކަމުގައި ވާންވާނީ ވާދޫގައި ރަޖިސްޓްރީކޮށްފައިވާ ވާދޫގެ ރައްވެއްސެއްކަމަށް ކައުންސިލުން ބުނެފައި ވެއެވެ. މިމުބާރާތުގައި ބައިވެރިވާ ޓީމެއްގައި ބައިވެރިވެވޭނީ ގިނަވެގެން 5 މީހުންނަށްކަމަށްވެސް ކައުންސިލުން ބުނެފައި ވެއެވެ.












