ދިވެހި މަސްވެރިންނަށާއި، މަސްވެރި ޢާއިލާތަކަށާއި، މަސް ބަންދުކުރާ ކާރުޚާނާތަކަށް ލިބުނު ބޮޑު ކާމިޔާބީއެއްކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، އިނގިރޭސިވިލާތަށް އެތެރެކުރާ ދިވެހި ކަނޑުމަހުގެ ބާވަތްތަކުން ނަގާ ޓެރިފް ކަނޑާލުމަށް އެޤައުމުގެ ސަރުކާރުން ނިންމި ނިންމުމަށް މަރުޙަބާ ވިދާޅުވެ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެެއްގައެވެ.
ވަޒީރު ސިފަކުރެއްވިގޮތުގައި، އިނގިރޭސިވިލާތުގެ މި ނިންމުމަކީ ދިވެހި މަސްވެރިންނަށާއި، އެމީހުންގެ ޢާއިލާތަކަށާއި، ރަށްފުށުގެ މުޖުތަމަޢުތަކުގެ އިތުރުން، ތިމާވެއްޓާ ރަށްޓެހި މަސްވެރިކަން ކުރުމަކީ ދެމެހެއްޓެނިވި މަސްވެރިކަމުގެ އެންމެ މަތީ މިންގަނޑު ކަމަށް ވަކާލާތުކުރަމުން އައި މަސް ބަންދުކުރާ ކާރުޚާނާތަކަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ.
”ދިވެހި ކަނޑުމަހަކީ ހަމައެކަނި ދުނިޔެއަށް ފޯރުކޮށްދޭ ކާނާއެއް ނޫން. އެއީ ތިމާވެއްޓާއި ރައްކާތެރި ގޮތެއްގައި، ކުރާ މަސްވެރިކަމެއް. މިއަދު މިވަނީ އަޅުގަނޑުމެންގެ އެ މުހިންމު މަސައްކަތަށް، ދުނިޔޭގެ އެންމެ ބޮޑު އެއް މާކެޓުން ޙައްޤުވާ ޤަދަރާއި އިޢުތިރާފު ލިބިފަ.“ މަސްވެރިކަމާ ބެހޭ ވަޒީރު ވިދާޅުވެފައި ވެއެވެ.
ވަޒީރުގެ ޕޯސްޓުގައި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ބައިނަލްއަޤްވާމީ މައިދާނުގައި ކުރިއެރުވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވަވާ ހަރުދަނާ އިރުޝާދާއި ލީޑަރޝިޕަށްޓަކައި އެމަނިކުފާނަށް އިޚްލާޞްތެރި ޝުކުރު ދަންނަވާފައިވެއެވެ. އަދި މިކަން ޙަޤީޤަތަކަށް ހެދުމަށްޓަކައި ރާއްޖެއާއި އިނގިރޭސިވިލާތުގެ ސިނާޢީ ބައިވެރިން ހިމެނޭހެން، މެދުކެނޑުމެއްނެތި މަސައްކަތްކުރެއްވި ހުރިހާ ފަރާތްތަކަށް ވެސް ޝުކުރު އަދާކުރައްވާފައިވެއެވެ.
އިނގިރޭސިވިލާތަށް އެތެރެކުރާ ކަނޑުމަހުގެ އުފެއްދުންތަކުން ނަގަމުންދިޔަ 20 އިންސައްތައިގެ އިމްޕޯޓް ޓެރިފް، ކަނޑާލުމަށް ނިންމިކަން މިއަދު އެގައުމުގެ ސަރުކާރުންވަނީ އިއުލާނުކޮށްފައެވެ. މި ނިންމުމާއެކު 2028 ގެ ނިޔަލަށް އެއްވެސް ޑިއުޓީއަކާ ނުލައި ދިވެހި ކަނޑުމަހުގެ އުފެއްދުން އިނގިރޭސި ވިލާތައް އެކްސްޕޯޓްކުރެވޭނެއެވެ.
ދިވެހިރާއްޖެއިން އަހަރަކު ގާތްގަނޑަކަށް 16.7 އާއި 18 މިލިއަން ޕައުންޑާ ދެމެދުގެ އަދަދަކަށް އިނގިރޭސިވިލާތަށް ކަނޑު މަސް އެކްސްޕޯޓް ކުރެއެވެ. މިހާރުވެސް އިނގިރޭސިވިލާތަށް އެންމެ ގިނައިން މަސް އެތެރެކުރާ 9 ވަނަ ޤައުމަކީ ދިވެހިރާއްޖެއެވެ. ރާއްޖޭގެ މަސްވެރިކަމަކީ ދެމެހެއްޓެނިވި ގޮތެއްގައި ދޮށީގެ މަސްވެރިކަން ކުރާ ޤައުމެއްގެ ގޮތުގައި މުޅި ދުނިޔެވެސް ބަލައިގަނެއެވެ.