ދަ ޔުނައިޓެޑް ނޭޝަންސް އެގްރީމެންޓް އޮން ބަޔޯޑައިވަރސިޓީ ބިޔޯންޑް ނެޝަނަލް ޖޫރިސްޑިކްޝަން(ބީބީއެންޖޭ) ނުވަތަ ހައި ސީސް ޓްރީޓީ ތަސްދީގުކޮށް އަވަހަށް އަމަލުކުރަން ފެށުމަށް މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް، ޠާރިޤް އިބްރާހީމް ގޮވާލައްވައިފި އެވެ.
ފްރާންސްގެ ނީސްގައި ނިމިގެންދިޔަ އދ. ގެ ތިންވަނަ ކަނޑުތަކާބެހޭ ސަމިޓުގެ ތެރެއިން ބޭއްވި ”ލެވަރޭޖިންގ އޯޝަން، ކްލައިމެޓް އެންޑް ބަޔޯޑައިވަރސިޓީ އިންޓަރލިންކޭޖަސް“ ގެ ނަމުގައި ބޭއްވި އޯޝަން އެކްޝަން ޕެނަލްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ ޠާރިޤް ވަނީ ބީބީއެންޖޭ ނުވަތަ ހައި ސީސް ޓްރީޓީ ތަސްދީޤުކޮށް، އަވަހަށް ޢަމަލުކުރަން ފެށުމަށް ގޮވާލައްވާފަ އެވެ. މި މުއާހަދާއަކީ ކަނޑާއި، ދިރޭތަކެތީގެ ނަސްލާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ކަންކަން ޙައްލުކުރުމަށް މުހިންމު ދައުރެއް އަދާކުރާނެ އެއްބަސްވުމެއް ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މާކަނޑުގެ ދިރުންތަކާއި ސަރަޙައްދުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމާ އަދި ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމާގުޅޭ މި މުޢާހަދާގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރީ 4 ސެޕްޓެމްބަރ 2024 ގައެވެ. އަދި ތަސްދީގް ކުރީ 24 ސެޕްޓެމްބަރު 2024 ގަ އެވެ. ދިވެހިރާއްޖެ މުޢާހަދާގައި ސޮއިކުރުމާ ހަމައަށް ޖުމްލަ 91 ޤައުމަކުން އޭގައި ސޮއިކޮށްފައި ވެއެވެ. އަދި، ޖުމްލަ 8 ޤައުމަކުން ތަޞްދީޤުކޮށްފައި ވެއެވެ. 20 ސެޕްޓެމްބަރު 2025 ގެ ނިޔަލަށް ހުރިހާ ޤައުމަކުން ސޮއި ކުރުމަށް ހުޅުވާލާފައިވާ މި މުޢާހަދާއަށް އަމަލުކުރަން ފަށާނީ 60 ވަނަ ގައުމުން މި މުޢާހަދާ ތަސްދީޤުކުރާތާ 120 ދުވަސް ފަހުންނެވެ.
މި މުއާހަދާގައި ސޮއިކުރުމާއި ގުޅިގެން މިނިސްޓަރު ޠާރިގް އިބްރާހިމް އޭރު ވިދާޅުވެފައިވަނީ، ކަނޑުބޮޑު ގައުމަކަަށް ރާއްޖެވީއިރު، މިއީ ލިބިގެންދިޔަ ތާރީޚީ ކުރިއެރުމެއްގެ ގޮތުގައި ދެކިލައްވާ ކަމަށެވެ. އަދި މިއީ ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމާއި ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމުގައި ރާއްޖެއަށް ހާސިލުވި މުހިންމު ލަނޑުދަނޑިއެއް ކަމަށް ވިދާޅުވެފައިވެއެވެ.
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ހިމެނޭ އެންމެހައި ޤުދުރަތީ ވަސީލަތްތައް ޚިމާޔަތްކުރުމަކީ ދިވެހިރާއްޖޭގެ ވަރަށް މަތީ މަސްޢޫލިއްޔަތެއް ކަމުގައިވާއިރު، އެ ކަނޑުގެ ސަރަޙައްދު ހިމާޔަތްކުރުމުގައި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބޭރުގައި ހިމެނޭ ސަރަޙައްދު ޙިމާޔަތްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރަމުންދާކަން ކަށަވަރުކުރުމަކީ އެ މަސްޢޫލިއްޔަތު އަދާކުރުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
މި މުޢާހަދާގެ ދަށުން ބޮޑެތި ކަނޑުގެ ސަރަޙައްދުތައް ޙިމާޔަތްކުރުމުގެ އިޖުރާއަތު ޤާއިމުކޮށްފައި ވެއެވެ. މީގެ އިތުރުން ކަނޑާ ގުޅޭ ފަންނީ މަޢުލޫމާތު ހިއްސާކުރުމާގުޅޭ ކަންތައްތައްތަކާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ފިޔަވަޅުތައް އެޅުމާ ގުޅޭ ޝަކްލީ ކަންތައްތައް އެ މުޢާހަދާގައި ހިމެނިފައި ވެއެވެ. މި ކަންތައްތަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ލިބޭ މަންފާތައް ޙިމާޔަތްކުރުމަށް މުހިންމު ކަންތައްތަކެއްކަމަށްވުމާއެކު، މި މުޢާހަދާގައި ބައިވެރިވުމުން ދިވެހިރާއްޖެ އަށް ނުހަނު ގިނަ ފައިދާތަކެއް ލިބިގެންދާނެއެވެ.