ކަނޑު މަހާއި މަހުގެ އުފެއްދުންތަކަށް ހާއްސަކޮށް ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ހަރަކާތްކަމަށްވާ އިންފޯފިޝް ވޯލްޑް ޓޫނާ ޓްރޭޑް ކޮންފަރެންސް އެންޑް އެގްޒިބިޝަންގެ ޕްލެޓިނަމް ސްޕޮންސަރުންގެ ތެރޭގައި މިފްކޯ ހިމެނިއްޖެ އެވެ. މިފްކޯގެ އިތުރުން ޕްލެޓިނަމް ސްޕޮންސަރެއްގެ ގޮތުގައި ދެން ހިމެނެނީ ސްޕެއިންގެ މެރިން އިންސްޓްރޫމެންޓްސް އެވެ. އެއީ މެރިން އާލާތްތައް އުފައްދާ ދުނިޔޭގެ ފެންވަރުގައި އެ އާލާތްތައް ވިއްކަމުން އަންނަ ތިމާވެއްޓާއި ރަށްޓެހި ކުންފުންޏެކެވެ.
މި އެގްޒިބިޝަން އޮންނާނީ އެޕްރީލް މަހުގެ 20-22 އަށް ތައިލޭންޑްގެ ވެރިރަށް ބެންކޮކްގަ އެވެ. މިއީ، މީގެ 18 ވަނަ އެގްޒިބިޝަނެވެ.
ދުނިޔޭގެ އެކި ގައުމުތަކުން 500 އަށް ވުރެ ގިނަ މަސްވެރިކަމުގެ ސިނާއަތްތަކުގެ މަންދޫބުން ބައިވެރިވާ މިކޮންފަރެންސްގައި ދުނިޔޭގެ މަސްވެރިކަމާއި ގުޅޭ ޖަމްއިއްޔާ ޖަމާއަތްތަކާއި، މަސްވެރިކަމުގެ ކުންފުނިތަކާއި، ދުނިޔޭގެ މަސްވެރިކަން ދިރާސާކުރާ ފަރާތްތަކާއި، ގައުމުތަކުގެ ފިޝަރީޒް މިނިސްޓަރުންނާއި، މީޑިއާ ހިމެެނެއެވެ. އަދި މަސްވެރިކަމުގެ ސިނާއަތުގެ ލީޑަރުންނާއި، ތަޖުރިބާކާރުންނާއި މަސްވެރިކަމުގެ ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާއި ފަންނުވެރިންވެސް ބައިވެރިވެއެވެ.
މި ކޮންފަރެންސްގައި މަސްވެރިންގެ ސިނާއަތާއި ބެހޭ މައުލޫމާތު ހިއްސާކޮށް، މަސްވެރިކަމުގެ ވިޔަފާރީގެ ގުޅުންތައް ގާއިމުކުރެވި، ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވައި، މުސްތަގުބަލުގައި މި ސިނާއަތަށް ހުރި ފުރުސަތުތަކާއި ބެހޭ ގޮތުން މަޝްވަރާކުރާނެއެވެ. އަދި މަސްވެރިކުންފުނިތަކުގެ ސްޓޯލްތައް ހަދައިގެން ކުންފުންޏާއި އުފެއްދުންތައް އިޝްތިހާރު ކުރުމުގެ ފުރުސަތު ލިބެއެވެ.