ނެތިދިޔުމުގެ ބިރު ހީވެފައިވާ ދިރުންތައް ބައިނަލްއަޤްވާމީ ފެންވަރުގައި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ޓްރޭޑް އިން އެންޑޭންޖަރޑް ސްޕީޝީސް އޮފް ވައިލްޑް ފައުނާ އެންޑް ފްލޯރާ (ސައިޓީސް) ގެ އެޕެންޑިކްސް 2 އިން އެޕެންޑިކްސް 1އަށް ފެހުރިހި ބަދަލުކުރަން ދިވެހިރާއްޖެއިން ހުށަހެޅި ހުށަހެޅުން ފާސްވެއްޖެއެވެ.
ފެހުރިހި ސައިޓީސް މުއާހަދާގެ އެޕެންޑިކްސް 2 އިން އެޕެންޑިކްސް 1 އަށް ބަދަލުކުރުމަށް ދިވެހިރާއްޖެއިން އިސްނަގައިގެން ހުށަހެޅީ، ސައިޓީސްގެ 20 ވަނަ ކޮންފަރަންސް އޮފް ދަ ޕާރޓީސް (CoP20) ބައްދަލުވުމަށެވެ. މި ހުށަހެޅުމަށް ދިވެހިރާއްޖެއާއެކު 16 ގައުމަކުން ކޯ ސްޕޮންސަރ ކުރިއެވެ. މި ބައްދަލުވުމަށް ޖުމްލަ 51 ޕްރޮޕޯސަލް އެކި ގައުމުތަކުން ހުށަހަޅާފައިވާއިރު، ދިވެހިރާއްޖެއިން އިސްނަގައިގެން ހުށަހެޅި މި ޕްރޮޕޯސަލް ފާސްވެފައިވަނީ ބައްދަލުވުމަށް ހާޒިރުވި ހުރިހާ ޤައުމެއްގެ އިއްތިފާގުންނެވެ.
ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭތަކެތީގެ ވިޔަފާރި ކޮންޓްރޯލް ކުރުމުގެ މަގުސަދުގައި 1973 ވަނަ އަހަރު އެކުލަވާލާފައިވާ ސައިޓީސް މުޢާހަދާއަށް ޢަމަލުކުރަން ފެށިތާ މިއީ 50 ވަނަ އަހަރެވެ.
މި މުޢާހަދާގެ މައިގަނޑު މަގްސަދަކީ، ނެތިދިޔުމުގެ ބިރު އިންތިހާ ދަރަޖައަށް ގޮސްފައިވާ އަދި ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރުންތައް، އެތަކެތީގެ އާބާދީ ގެއްލިގެން ނުދާނެ ގޮތައް، ކޮންޓްރޯލް ކޮށް މެނޭޖްކޮށްގެން އެތަކެތިން ލިބޭ ފައިދާތައް ލިބިގަތުމަށް މަގުފަހިކޮށްދިނުމެވެ. މިހާރު 40،000 އަށް ވުރެ ގިނަ ދިރުންތައް ވަނީ މި މުޢާހަދާގައި ހިމަނާފައެވެ.
ސައިޓީސް މުޢާހަދާގައި ދިރުންތައް ހިމެނެނީ ތިން އެޕެންޑިކްސްގެ ދަށުންނެވެ.
އެޕެންޑިކްސް 1: މި އެޕެންޑިކްސްގައި ހިމެނޭ ދިރުންތަކަކީ ނެތިދިޔުމުގެ ބިރު އިންތިހާ ދަރަޖައަށް ބައިނަލްއަޤްވާމީ ފެންވަރުގައި ގޮސްފައިވާ ދިރުންތަކެވެ. މިދިރުންތަކާއި، އެދިރުންތަކުގެ ބައިތަކާއި، އޭގެ އުފެއްދުންތައް ވިޔަފާރީ އުސޫލުން އެއްގައުމުން އަނެއްގައުމަށް ގެންދިޔުން މަނާކޮށްފައިވެއެވެ. ޚާއްޞަ ބޭނުންތަކަށް (މިސާލަކަށް އިލްމީ ދިރާސާ) ހުއްދައާއެކު ގެންދެވިދާނެއެވެ.
އެޕެންޑިކްސް 2: މި އެޕެންޑިކްސްގައި ހިމެނޭ ދިރުންތަކަކީ، ނެތިދިޔުމުގެ ބިރު ހީވެފައިވާ ނަމަވެސް، ދެމެހެއްޓެނިވި ވިޔަފާރި އެއްގައުމުން އަނެއްގައުމަށް ގެންދިޔުމަށް ހުއްދަ އޮންނަ ދިރުންތަކާއި، އެތަކެތީގެ ބައިތަކާއި، އޭގެ އުފެއްދުންތަކެވެ. މިއީ ނެތިދިޔުމުގެ ބިރު އިންތިހާ ދަރަޖައަށް ދިޔުމުގެ ކުރިން ރައްކާކުރުން މުހިންމު ދިރުންތަކެކެވެ. އެތަކެތި ގެންދެވޭނީ ގައުމުތަކުގެ މެނޭޖްމަންޓް އޮތޯރިޓީ އިން ދޫކުރާ ހުއްދައަކާއި އެކުއެވެ.
އެޕެންޑިކްސް 3: މި އެޕެންޑިކްސްގައި ހިމެނެނީ ވަކި ގައުމުތަކެއްގައި ނުވަތަ ވަކި ސަރަހައްދު ތަކެއްގައި ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރުންތަކެވެ. އެތަކެތި ގެންދެވޭނީ އަސްލިއްޔާތު އިނގޭ ސެޓްފިކެޓް ނުވަތަ ރީއެކްސްޕޯޓް ސެޓްފިކެޓް އަދި މެނޭޖްމަންޓް އޮތޯރިޓީ ހުއްދައާއެކުއެވެ.
ދިވެހިރާއްޖެއިން މި މުޢާހަދާގައި ބައިވެރިވެފައިވަނީ 2013 ވަނަ އަހަރުގައެވެ. އަދި މި މުޢާހަދާ ދިވެހިރާއްޖޭގައި ތަންފީޒުކުރުމުގެ ގޮތުން 2022 ވަނަ އަހަރު ޚާއްޞަ ޤާނޫނެއްވެސް ވަނީ އެކުލަވާލާފައެވެ.
ފެހުރިއްސަކީ، ދިވެހިރާއްޖޭގެ ދިރިއުޅުމުގެ ވައްޓަފާޅި، އިގްތިސާދު އަދި ފަތުރުވެރިކަމަށް ގުޅިފައިވާ މުހިންމު ދިރުމެކެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މިދިރުމުގެ މާހައުލުތަކަށާއި އާބާދީ ދަނީ މަދުވަމުންނެވެ. އިންޓަރނޭޝަނަލް ޔޫނިއަން ފޮރ ކޮންޒަރވޭޝަން އޮފް ނޭޗަރ (އައި.ޔޫ.ސީ.އެން) އިން ވެސް ވަނީ ފެހުރިއްސަކީ ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރުމެއްގެ ގޮތުގައި ބައިނަލްއަގްވާމީ ފެންވަރުގައި ކަނޑައަޅާފައެވެ. ސައިޓީސް މުޢާހަދާގެ އިތުރުން، ހިޖުރާ ކުރާ ދިރުންތައް ޙިމާޔަތް ކުރާ މުއާހަދާ (CMS) އަދި ސަރަހައްދީ މަސްވެރިކަން މެނޭޖްކުރާ އެގްރީމަންޓްތަކުގައިވެސް ފެހިރިއްސަށް ވަނީ ޚާއްޞަ އިސްކަމެއް ދީ ޙިމާޔަތްކޮށްފައެވެ.
ދިވެހިރާއްޖޭގައިވެސް ފެހުރިއްސަކީ ހިމާޔަތްކޮށްފައިވާ ދިރުމަކަށް ވާތީ، ސައިޓީސް މުއާހަދާގެ އެޕެންޑިކްސް 1 ގައި ހިމެނިގެން ދިޔުމަކީ، މި ދިރުމަށް ލިބިގެން ދިޔަ އިތުރު ބައިނަލްއަގުވާމީ ހިމާޔަތެކެވެ. އަދި، ދިވެހިރާއްޖެއިން، ފެހުރިހި ރައްކާތެރިކުރުމަށް ކުރި މަސައްކަތަށް ލިބިގެންދިޔަ ކާމިޔާބީއެކެވެ.