މާލޭ ނޯތު ހާބަރުގައި ރަޖިސްޓްރީކޮށްފައިނުވާ އުޅަނދުތަކަށް ރަޖިސްޓްރީކުރަން މުހުލަތެއް ދީފިއެވެ.
މާލޭ ނޯތު ހާބަރ ހިންގަމުން އަންނަ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް) އިން ނޯތު ހާބަރުން ޚިދުމަތް ހޯދާ އުޅަނދުތައް ރަޖިސްޓްރީކުރުމަށް މުހުލަތެއް ދީފައިވަނީ އެމްޕީއެލް ސަރަޙައްދުން ފެށިގެން މަސްމާރުކޭޓް ކުރިމަތީގައިވާ ލޯކަލް މާރުކޭޓުގެ ހުރަސްތޮށްޓާއި ހަމަޔަށް ހިންގުން އެކުންފުންޏާ ހަވާލުކުރުމާ ގުޅިގެންނެވެ. އެކުންފުންޏާއި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން، 2025 ޖޫން 4 ވަނަ ދުވަހުން ފެށިގެން އެ ސަރަހައްދު ހިންގުން އެމްޕީއެލްއާ ވަނީ ހަވާލުކުރެވިފަ އެވެ.
އެމްޕީއެލްއިން ބުނީ ހަވާލުވި ސަރަހައްދު ހިންގާނީ މާލޭ ނޯތު ހާބަރުންކަމަށްވުމާއެކު، ނޯތު ހާބަރުގައި ރަޖިސްޓްރީ ކޮށްފައިނުވާ އުޅަނދުތައް އަދި އެތަނުން ހިދުމަތް ހޯދަން ބޭނުންވާ އުޅަނދުފަހަރަށް އަންނަ އޮގަސްޓް މަހުގެ އެއްވަނަ ދުވަހުގެ ކުރިން މާލޭ ނޯތު ހަބާރުގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަމަށެވެ. އަދި، ސެޕްޓެމްބަރ 1 ވަނަ ދުވަހުން ފެށިގެން ހާބަރުން ހިދުމަތް ހޯދާ ހުރިހާ ފަރާތްތަކަށް ހާބަރު ހިންގުމުގެ އުސޫލުގައި ވާގޮތަށް އަމަލުކުރަންފަށާނެ ކަމަށާއި، ހާބަރު ހިންގުމުގެ އުސޫލާއި އެއްގޮތައް ޓެރިފް ނެގުމުގެ ކަންކަންވެސް ކުރިޔަށްގެންދާނެކަމަށް އެމްޕީއެލްއިން ބުނެފައި ވެއެވެ.
އެމްޕީއެލްއިން ބުނީ ސެޕްޓެމްބަރ 1 ވަނަ ދުވަހުން ފެށިގެން ނޯތު ހާބަރުން ހިދުމަތް ދޭނީ ރަޖިސްޓްރީކޮށްފައިވާ އުޅަނދުފަހަރަށް އެކަނިކަމަށެވެ. މި ކަމާއި ގުޅިގެން އިތުރު މައުލޫމާތެއް ބޭނުންވާނަމަ، މާލޭ ނޯތު ހާބަރުގެ އޮޕަރޭޝަންސް ނަންބަރު 3006545 އަށް ގުޅާލުމަށް އެމްޕީއެލްއިން އެދިފައި ވެއެވެ.