މަސްވެރިކަމާއި ކަނޑުފަޅުގެ ވަސީލަތްތަކުން އުފައްދާ ތަފާތު އެކި ބާވަތްތަކުގެ އުފެއްދުންތަކުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމަށް މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން(އެމްފޯއެމްޕީސީ) އިން ނިންމައިފިއެވެ.
މިކަން އަންގައި އެކުންފުނިން އާންމުކުރި އިއުލާނެއްގައި ބުނެފައިވަނީ، އެމްފޯއެމްޕީސީއަކީ ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތްވާގޮތުގެ މަތިން ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޞިނާޢަތު އިތުރަށް ފުޅާކޮށް، ދިވެހި މުޖުތަމައަށް އެ ޞިނާޢަތުން ލިބިދޭ މަންފާ އިތުރުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަންކުރުމަށާއި އަކުއަރކަލްޗަރ އާއި މެރިކަލްޗަރ ފަދަ ކަނޑުފަޅުގެ އެންމެހައި ވަސީލަތްތައްތަކުން އުފައްދާ އުފެއްދުންތައް ހިމެނޭގޮތުން، ރާއްޖޭގައި ކުރާ މަސްވެރިކަމުން އުފައްދާ ތަފާތު އެކި ބާވަތްތަކުގެ އުފެއްދުންތައް، ބައިނަލްއަޤުވާމީ ބާޒާރުގައި އާއި ރާއްޖޭގެ ބާޒާރުގައި އިޝްތިހާރުކޮށް ޕްރޮމޯޓްކުރުމާއި އޭގެ ވިޔަފާރިން ލިބޭ މަންފާ އިތުރުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަންކުރުމުގެ ޒިންމާ މަތިކުރެވިފައިވާ ސަރުކާރުގެ ސައްތައިން ސައްތަ ކުންފުންޏެއްކަމަށެވެ. ހަމަ މިއާއެކު ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތަކަށް ވަކި ހާއްސަ ބްރޭންޑެއް ތަޢާރަފްކޮށް، އެ ބްރޭންޑްގެ ދަށުން މަސްވެރިކަމާއި ކަނޑުފަޅުގެ އެންމެހައި ވަސީލަތްތަކުން އުފައްދާ އުފެއްދުންތައް މާރކެޓްކޮށް ޕްރޮމޯޓްކުރުމުގެ ޒިންމާ ވެސް މަތިކުރެވިފައިވާ ކުންފުންޏެއްކަމަށެވެ.
އެހެންކަމުން އެކުންފުންޏަށް މަތިކުރެވިފައިވާ ޒިންމާތައް އަދާކޮށް މަގްސަދުތައް ހާސިލްކުރުމަށްޓަކައި، މަސްވެރިކަންކުރާ ފަރާތްތަކާއި، މަސް ޕްރޮސެސްކުރާ ފަރާތްތަކާއި، މަސް އެކްސްޕޯޓްކުރާ ފަރާތްތަކާއި، އެކުއަކަލްޗަރ އަދި މެރިކަލްޗަރ އޮޕަރޭޓަރުންނާއި، ވިޔަފާރިވެރިންނާއި، ކޯޕަރޭޓިވް ސޮސައިޓީތަކާއި، ޖަމްޢިއްޔާތަކާއި މިދާއިރާގައި ހަރާކަތްތެރިވާ ގުޅުންހުރި ހުރިހާ ފަރާތެއްގެ ޑޭޓާ ބޭސްއެއް ނުވަތަ ދަތްތަރެއް އެކުލާވާލުމަށް ނިންމާފައިވާކަމަށެވެ. އަދި ދަފްތަރު އެކުލަވާލުމުގެ މަސައްކަތް ފެށުމުގެގޮތުން ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކުން އުފައްދާ ތަފާތު އެކި ބާވަތްތަކުގެ އުފެއްދުންތަކުގެ ހަރަކާތްތެރިވާ އެންމެހައި ފަރާތްތައް އެކުންފުނީގެ ދަފްތަރުގައި ރަޖިސްޓްރީ ކުރުމަށް ހުޅުވާލާކަމަށެވެ. އެ ކުންފުނިން މިކަމަށް ކަނޑައަޅާފައިވާ ފޯމް ލިންކް މެދުވެރިކޮށް ފުރާލެވޭނެއެވެ.
އެމްފޯއެމްޕީސީއިން ބުނިގޮތުގައި މި ދަފްތަރުގައި ރަޖިސްޓްރީކުރުމުގެ އެފަރާތްތަކަށް ގިނަ ފުރުުސަތުތަކެއް ފަހިވެގެންދާނެކަމަށެވެ. އޭގެތެރޭގައި، މަސްވެރިކަމުގެ ޤައުމީ ޕްރޮމޯޝަން ނެޓްވޯކުގެ ބައިވެރިއަކަށްވުމާއި، ބައިނަލްއަޤްވާމީ ބްރޭންޑިންގ އަދި މާރކެޓިންގ ސަޕޯޓް ލިބުމުގެ ފުރުސަތު ފަހިވުމާއި، މަސްވެރިކަމުގެ ހަރުދަނާ ތަޞައްވުރެއް ބިނާކުރުމުގެ ހިއްސާދާރަކަށް ވުމުގެ ފުރުސަތު ލިބުމުގެ އިތުރުން ކުރިއަށް ހުރިމަޝްރޫޢުތަކާއި، ޙަރަކާތްތަކާއި، ފުރުޞަތުތަކާ ބެހޭ މަޢުލޫމާތު ލިބި، އޭގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ.