ވަދު ނަނުގެ މަސްވެރިކަމަށާއި، މުނި ފޫހި ފިލުވުމުގެ މަސްވެރިކަމަށް ޚާއްސަ ވަދު ކަނދުފައްޗެއް ތ.ވޭމަންޑޫ ބޭރުގައި ވަދު ކަނދުފައްޗެއް އަޅައިފި އެވެ.

ފިޝަރީޒް މިނިސްޓްރީގެ ޓީމުން އިއްޔެ އެ ވަދު ކަނދުފަތި އަޅާފައިވަނީ ތ.ވޭމަންޑޫ ދެކުނުން 5 މޭލު ބޭރުގައެވެ. ވަދު ކަނދުފަތީ ނަންބަރަކީ L09V02 އެވެ. މިއީ ތ.އަތޮޅުގައި ގާއިމުކުރި ތިންވަނަ ކަނދުފައްޗެވެ. އަނެއް ދެ ކަނދުފަތީގެތެރެއިން ދިޔަމިގިލީ ކަނދުފަތި އޮންނަނީ،  އެރަށުގެ އިރު އުތުރުން 6 މޭލު ބޭރުގައެވެ. އަނެއް ކަނދުފަތި އޮންނަނީ އެއަތޮޅުގެ ބުރުނީގެ އުތުރުން 4.5 މޭލު ބޭރުގައެވެ.

ރަށްރަށުގެ ވަށައިގެން 3 މޭލާއި 6 މޭލާއި ދެމެދުގެ ދުރުމިނުގައި ޤާއިމުކުރާ ވަދު ކަނދުފައްޗަކީ ވަދު ނަނުގެ އަދި ސްޕޯޓް ފިޝިންގ މަސްވެރިކަމަށް ޚާއްސަ ކަނދުފަތިތަކެކެވެ. ވަދު ކަނދުފަތި، ފަރުމާކޮށްފައިވަނީ ދުރަށް ފެންނަހެން ބައްތިއަކާއި، ކަނދުފަތި އޮތް ތަން ފަސޭހައިން ދެނެގަނެވޭނެގޮތަށް ހުންނަ ރާޑަރު ރިފްލެކްޓަރަކާއި އެކުގައެވެ.