އަވަށްޓެރި ސްރީލަންކާގެ ބޯޓަކަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސްތުވާތަކެތި ބަރުކޮށްގެން ސްރީލަންކާއަށް ދަތުރުކޮށްފައިވާ ކަމަށް ނޫސްތަކުން ފަތުރަމުން ދިޔަ ވާހަކަތައް ދިވެހި ފުލުހުންގެ ޚިދުމަތުން ދޮގުކޮށްފިއެވެ.
ސްރީލަންކާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސްތުވާތަކެތި ބަރުކޮށްގެން ސްރީލަންކާއަށް ދިޔަ ބޯޓެއް، އެގައުމުގެ ކަނޑުގެ ސިފައިން ވަނީ ހިފަހައްޓާފައިވެއެވެ.
”ސީދޭވީ“ ނަމަކަށް ކިޔާ އެ ބޯޓު، އެގައުމުގެ ހުޅަނގު ކަނޑުގެ ސަރަހައްދުން ހިފަހައްޓައި، ބަލައި ފާސްކުރިއިރު، 251 ކިލޯގެ ކްރިސްޓަލް މެތާއި 85 ކިލޯގެ ހެރޮއިން ބޯޓުން ފެނިފައިވާ ކަމަށް ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ. ސްރީލަންކާ ފުލުހުންނާ ހަވާލާދީ ލަންކާ ނޫސްތަކުގައި މި ޚަބަރު ފަތުރާފައިވާއިރު، ރާއްޖޭގެ ބައެއް ނޫސްތަކުގައިވެސް މި ޚަބަރު އެ މަސްދަރުތައް ބޭނުންކޮށްގެން ޝާއިއުކޮށްފައިވެއެވެ.
މި ޚަބަރުތައް ދޮގުކޮށް މިއަދު ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފައިވަނީ، މަސްތުވާތަކެއްޗާއެކު އަތުލައިގަތް ބޯޓަކީ ރާއްޖޭގެ ސަރަހައްދުން މަސްތުވާތަކެތި ބަރުކުރި ބޯޓެއް ނޫންކަން ސްރީލަންކާގެ ރަސްމީ އިދާރާއަކުން ދިވެހި ފުލުހުންގެ ހިދުމަތަށް ކަށަވަރުކޮށްދީފައިވާކަމަށެވެ. އަދި، ބޯޓުގައި އެވަގުތު ތިބި 6 ފަޅުވެރިން އެގައުމުގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، އެ ބޯޓުގެ ވެރިފަރާތްވެސް މިހާރު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފައި ވެއެވެ.
މި ބޯޓުން 355 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާއިރު، އޭގެ މަގުމަތީގެ އަގު 5 ބިލިއަން ރުޕީސްއަށް އަރާ ކަމަށް ސްރީލަންކާގެ ނޫސްތަކުން ރިޕޯޓްކޮށްފައި ވެއެވެ.