މަސްވެރިކަމާއި، އެކުއާ ކަލްޗަރ ދާއިރާއިން އެއްބާރުލުން ދިނުމަށް ރާއްޖޭގެ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އާއި އިންޑިއާގެ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެނިމަލް ހަސްބެންޑަރީ އެންޑް ޑެއިރީއާ ދެމެދު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ(އެމްއޯޔޫ) އެއްގައި ސޮއިކޮށްފި އެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެމްއޯޔޫގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމްއެވެ. އިންޑިޔާގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ މިނިސްޓަރ އޮފް އެކްސްޓާނަލް އެފެއާޒް ޑރ. ޖެއި ޝަންކަރްއެވެ.
މި އެމްއޯޔޫއަކީ، ދެގައުމުގެ ދެމެދުގައި، ދެމެހެއްޓެނިވިގޮތެއްގައި މަސްވެރިކަން މެނޭޖްކުރުމަށާއި، އެކުއާކަލްޗަރ ދާއިރާ އިތުރަށް ކުރިއަރުވައި މިދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ގުޅިގެން މަސައްކަތްކުރުމުގެ މަގްސަދުގައި ވެވުނު އެއްބަސްވުކެވެ.
އެމްއޯޔޫގައި ހިމެނޭ މައިގަނޑު ކަންތައްތަކުގެތެރޭގައި، ދެމެހެއްޓެނިވި ގޮތުގައި ކަނޑުމަހުގެ މަސްވެރިކަން ކުރިއެރުވުމާއ،ި ދެމެހެއްޓެނިވި ވަސީލަތްތައް މެނޭޖްކުރުން ހަރުދަނާކުރުމާއި އެކުއަކަލްޗަރ ކުރިއެރުވުމާއ،ި ތިމާވެއްޓާ ރައްޓެހި މަސްވެރ-ިފަތުރުވެރިކަން ކުރިއެރުވުމާއ،ި އަދި ދެ ޤައުމުގައި ވެސް އިޖާދީ ކަންކަމާއި ސައިންޓިފިކް ދިރާސާތައް ކުރުމަށް އެހީތެރިވެދިނުން ހިމެނެއެވެ. މީގެ އިތުރުން ވެލިއު ޗެއިން ތަރައްޤީކުރުމާއ،ި ތަމްރީނާއ،ި ދިރާސާތަކުގައި އެއްބާރުލުން ދީ މަސްވެރިކަމުގެ ދާއިރާގެ ޤާބިލުކަން އިތުރުކުރުމާއ،ި ދިވެހި ރާއްޖޭގެ މެރިކަލްޗަރ ދާއިރާގައި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން އިތުރު ކުރުމާއ،ި އިންވެސްޓްމަންޓް ފުރުސަތުތައް ފަހިކޮށްދިނުން ހިމެނެކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައި ވެއެވެ.
މި ފަހުމުނާމާއަކީ ދެމެހެއްޓެނިވި ގޮތުގައި މަސްވެރިކަމުގެ ވަސީލަތްތައް ބޭނުންކުރުމަށާއ،ި ތިމާވެށި ރައްކާތެރިކުރުމަށް ދެ ޤައުމުން ކުރާ މަސައްކަތްތަކަށް ވެސް އެހީތެރިވެވޭނެ ފިޔަވަޅެއްގެ ގޮތުގައި ފިޝަރީޒް މިނިސްޓްރީން ސިފަކޮށްފައި ވެއެވެ. މިގޮތުން ދެ ޤައުމުގެ މެދުގައި ހިއްސާކުރެވޭ މަޢުލޫމާތާއި ތަޖުރިބާގެ ސަބަބުން މަސްވެރިކަމުގެ ދާއިރާގައި ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ފަސޭހަ ވެގެންދާނެކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
މިފަހުމުނާމާއަކީ ދިވެހިރާއްޖެ އާއި އިންޑިއާގެ މެދުގައި މަސްވެރިކަމުގެ ދާއިރާގައި އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، ދެ ޤައުމުގެ މަސްވެރިކަމުގެ ޞިނާޢަތު ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށާއި، މީގެ ސަބަބުން ދެ ޤައުމުގެ މަސްވެރިކަމުގެ ދާއިރާއަށް ފައިދާކުރަނިވި ނަތީޖާތަކެއް ޙާޞިލުކުރެވ،ި ދެމެހެއްޓެނިވި ގޮތެއްގައި މި ދާއިރާ ކުރިއަރައިގެންދާނެކަމަށް އުންމީދުކުރާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައި ވެއެވެ.
މި އެމްއޯޔޫގެ އިތުރުން މި ރަސްމިއްޔާތުގައި ވަނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އިތުރު ހަތް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެއީ، ރާއްޖެއާއި އިންޑިއާއާ ދެމެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމުކުރުމަށް މަޝްވަރާތައް ފެށުމާ ގުޅޭ އެއްބަސްވުން، 565 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފްރޭމްވޯކް އެއްބަސްވުން، ޑޮލަރ ކްރެޑިޓު ލައިން އެއްބަސްވުން، ފެންވަރު ރަނގަޅު ބޭސް ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުން، މޫސުމާބެހޭ ޢިލްމާއި، ޖައްވުގެ ޢިލްމާއި، ތިމާވެށި މޮނިޓަރކުރުމުގެ ދާއިރާއިން އޮނިގަނޑެއް ޤާއިމުކުރުމާ ބެހޭ އެއްބަސްވުން، ޑިޖިޓަލް ދާއިރާއިން ގުޅުން ބަދަހިކުރުމާގުޅޭ އެއްބަސްވުން، އަދި ކްރޮސް ބޯޑަރ ރެމިޓެންސް އެއްބަސްވުމެކެވެ.
އެމްއޯޔޫތަކުގައި ސޮއިކުރެއްވުމުގެ މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ބައިވެރިވެވަޑައިގެންނެވިއެވެ. އަދި، ދައުލަތުގެ ވަޒީރުންނާއި، އިންޑިއާ އާއި ރާއްޖޭގެ އިސް އޮފިޝަލުން ބައިވެރިވަޑައިގެންނެވިއެވެ.