ދ މީދޫން މަސްއޮޑި ފަހަރަށް ސަބްސިޑީ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިފި އެވެ.
މިކަން ހާމަކޮށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މިއަދު ބުނީ، މާދަމާއިން ފެށިގެން ސަރުކާރުގެ ’ފަހި ހަކަތަ‘ ޕްރޮގްރާމުގައި ރަޖިސްޓަރީކޮށްފައިވާ ހުރިހާ މަސްދޯނިތަކަށް ދ. މީދޫގައި ސަބްސިޑައިޒް ކުރެވިފައިވާ އަގުގައި ތެޔޮ ގަނެވޭނެ އިންތިޒާމުތައް މިހާރު ފުރިހަމައަށް ހަމަޖައްސާފައިވާކަމަށެވެ.
އެ ވުޒާރާއިން ބުނީ މި އިންތިޒާމުގެ ދަށުން ސަބްސިޑީ ލިބޭ ތެޔޮ ގަތުމަށް ޝަރުތުހަމަވާ ކޮންމެ މަސްދޯންޏަކަށް ވެސް ތެލުގެ ކޯޓާ ކަނޑައަޅައި ދޫކުރަމުން ގެންދާނީ ގާއިމުކޮށްފައިވާ ރަސްމީ ފިޝަރީޒް އިންފޮމޭޝަން ސިސްޓަމް މެދުވެރިކޮށް ކަމަށެވެ. ސަބްސިޑީ ހިމެނޭ ހާއްސަ އަގުގައި އުޅަނދުތަކަށް ތެޔޮ ފޯރުކޮށްދިނުމުގެ އަމަލީ މަސައްކަތްތައް ކުރިއަށް ގެންދާނީ އެ ރަށުގައި މިހާރު ވެސް ހިންގަމުން އަންނަ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ތެޔޮ ޝެޑުތައް މެދުވެރިކޮށްނެވެ.
އެ ވުޒާރާއިން އިތުރަށް ބުނީ މާދަމާއިން ފެށިގެން މި އިންފޮމޭޝަން ސިސްޓަމްގެ ތެރެއިން އެސްޓީއޯގެ ޝެޑުތައް މެދުވެރިކޮށް، ފަހި ހަކަތަ ޕްރޮގްރާމުގައި ބައިވެރިވެފައިވާ ހުރިހާ މަސްވެރިންނަށް ވެސް އެއްވެސް ދަތިކަމެއް ނެތި ސަބްސިޑައިޒް އަގުގައި ތެޔޮ ދޫކުރަން ފަށާނެކަމަށެވެ.