މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ދިމާލުން، ބޭރުން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައިފި އެވެ.
ފުލުހުން ބުނީ މިހާދިސާގެ މައުލޫމާތު ލިބުނީ މިއަދު ހަވީރު 3:44 ގައިކަމަށާއި، އެހަދިސާގައި އަނިޔާވި 6 މީހަކަށް އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް(އައިޖީއެމްއެޗް) ހޮސްޕިޓަލުގައި ފަރުވާދެމުންއަންނަ ކަމަށެވެ. ފަރުވާދެމުން ދަނީ 4 ދިވެހިންނާއި 2 ބިދޭސީއަކަށްކަމަށް ފުލުހުން ބުނެފައި ވެއެވެ. އެއް ބިދޭސީއަކަށް ބޮޑެތި އަނިޔާތަކެއްވެ ހާލު ސީރިއަސްކަމަށް އައިޖީއެމްއެޗާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.
މި ހާދިސާއާ ގުޅޭގޮތުން އެމްއެންޑީއެފްއިން ބުނެފައިވަނީ، މިހާދިސާގެ ރިޕޯޓް ލިބުމާއެކު، މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފެށިކަމަށާއި، ކޮޅުވެއްޓި ބަންޑުންޖަހާލިއިރު އޭގެތެރޭގައި މީހަކު ހުރި ކަމުގެ މަޢުލޫމާތު ލިބިގެން އެ މީހާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ކުރި މަސައްކަތުން، އެ މީހާގެ ސަލާމަތްކުރެވިފައިވާކަމަށެވެ. އެމީހާއާގުޅޭ އިތުރު ތަފްސީލެއް އެމްއެންޑީއެފްއިން ދީފައެއް ނުވެއެވެ.
އަޕްޑޭޓް: މިހާދިސާ ހިނގިއިރު ކޮޅުވެއްޓީގައި 14މީހުން ތިބިކަމަށާއި އެއެންމެންވެސް ސަލާމަތްކުރެވިފައިވާކަމަށް ފުލުހުން ބުންޏެވެ.