ދުން ފުހުގެ އަސަރު ރާއްޖެއަށް ކުރަމުންދާތީ އެކަމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
އެ އިދާރާއިން ބުނީ، މިއަދު ރާއްޖޭގެ އުތުރާއި ދެކުނުގެ ހިސާބުތަކަށް ދުންފުހުގެ އަސަރު ކުރަމުންދާކަމަށެވެ. އަދި މޫސުމާ ބެހޭ ރިޕޯޓުތަކުގައި ދުރުފެންނަ މިންވަރު 3 ކިލޯމީޓަރަށް ވުރެ ދަށުން ރިޕޯޓުކުރަމުން އަންނަކަމަށްް އެ އިދާރާއިން ބުނެފައި ވެއެވެ.
އެ އިދާރާއިން އިތުރަށް ބުނެފައިވަނީ، ކުރިއަށް އޮތް ހަތަރު ދުވަހުވެސް އިރުއުތުރުން އަންނަ ވަޔާއެކު، ދުންފުހުގެ އަސަރު ރާއްޖެމަތީގައި ހުންނާނެ ކަމަށް ބެލެވޭކަމަށެވެ. އެހެންކަމުން، ކަނޑުދަތުރުކުރާ ފަރާތްތަކާއި ބޭރުތެރޭގައި ގިނަވަގުތު ހޭދަކުރާ ފަރާތްތަކުން މިކަމަށް ވެސް ހާއްސަ ސަމާލުކަމެއްދީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފަވެ. އަދި މިކަމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ދޭ އިރުޝާދުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ސަމާލުކަން ދިނުމަށްވެސް އެއިދާރާއިން އެދިފައި ވެއެވެ.










