ސަރުކާރުގެ އަމާޒަކީ ބޮޑު ކަންނެލި މަސްވެރިކަން ތަރައްގީކޮށް އެކަމުން ލިބޭ އިގްތިސާދީ ނަފާ އިހުނަށްވުރެ އިތުރުކުރުންކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ބޮޑު ކަންނެލި މަސްވެރިންގެ ކަންބޮޑުވުންތަކާއި ގޮންޖެހުންތަކައް ހައްލެއް ހޯދުމަށްވެ ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން، ކަޅުބިލަމަހުގެ މަސްވެރިންނެކޭ އެއްގޮތައް ބޮޑު ކަންނެލި މަސްވެރިންނަށްވެސް އަގޮހެޔޮކޮށް ތެޔޮ ފޯރުކޮށްދިނުމަށް ބޭނުންވާ އިންތިޒާމުތައް ސަރުކާރުން ހަމަޖައްސަވުން ގެންދަވާކަން ރައީސުލްޖުމްހޫރިއްުޔާ ބަޔާންކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ބޮޑު ކަންނެލި މަސްވެރިކަން ތަރައްގީކޮށް ބޮޑު ކަންނެލި މަސްވެރިކަމުން ލިބޭ އިގްތިސާދީ ނަފާ އިހުނަށްވުރެއިތުރުކުރުންކަމަށެވެ. އެގޮތުން، ބޮޑު ކަންނެލި މަސްވެރިންނަށް ރަނގަޅު މަންފާއެއް ލިބޭނީ ކަންނެލި އެކްސްޕޯޓް ކުރާ ކުންފުނިތަކައް ބޭނުންވާ ޒަމާނީ ޕެކިންގ ފެސިލިޓީއެއް ގާއިމުކޮށްގެންކަމަށްވާތީ ހުޅުމާލޭގައި މިފަދަ ފެސިލިޓީއެއް އެޅުމުގެ އަމަލީ މަސައްކަތް މިއަހަރު ފަށްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
”މިކަމަށްޓަކައި ހުޅުމާލޭގައި ގާއިމުކުރަން ހަމަޖެހިފައިވާ 100 ޓނުގެ ޕެކިންގ ފެސިލިޓީ އެޅުމަށް ބޭނުންވާ 25 ހާސް އަކަފޫޓްގެ ބިން، އެބިމުގެ އެއްބަސްވމުގައި ސޮއިކުރެވި މި ފެސިލިޓީގެ އަމަލީ މަސައްކަތް މިއަހަރުގެ މެދުތެރޭގައި އިރާދަކުރެއްވިޔާ ފެށިގެންދާނެ.“ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ބޮޑު ކަންނެލި މަސްވެރިން ސަރުކާރަށް ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި، މިފްކޯއަށް ބޮޑު ކަންނެލި ގަންނަން ފެށުމާއި، ކަންނެލި ގަންނާނެ އެންމެ ދަށް އަގަކީ 80ރ. އާއި 100ރ. އާ ދެމެދު ކަމަށް ކަނޑައަޅައިދިނުމާއި، އެސްޓީއޯ ބޭސް ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެގޮތް ހަމަޖައްސައިދިނުމުގެ އިތުުރުން ލުއި ފަސޭހަގޮތެއްގައި އައިސް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުން ހިމެނެއެވެ.
މިއަދުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުން ބޮޑު ކަންނެލި ގަތުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް ވަރަށްބާރަށް ކުރިޔަށް އެބަދާކަމަށެވެ.
ސަރުކާރުގެ މަސްކުންފުނި، މިފްކޯއަށް މިހާރުވަނީ ކަންނެލި މަސްގަންނަން ފަށާފައެވެ. އެގޮތުން، މިފްކޯގެ ކަނޑުއޮތްގިރި ފެސިލިޓީ އަލުން ހުޅުވައި އެތަނަށް 15 ކިލޯއިން މަތީގެ މަސް 25 ރުފިޔާގެ ރޭޓުން ގަންނަން މިއަހަރުގެ ޖެނުއަރީ މަހުގެ 11ވަނަ ދުވަހު ފަށާފައެވެ.އަދި، މިފްކޯގެ ލޭންޑިންގ ފެސިލިޓީތަކަށާއި މަސް ކިރާ ބޯޓްތަކައް 10 ކިލޯއާްއި 15 ކިލޯއާ ދޭތެރޭ ބަރުދަނުގެ ކަންނެލި 20 ރުފިޔާ ރޭޓުން ވަނީ ގަންނަން ފަށާފައެވެ.
މިފްކޯއިން މިދިޔަމަހު ގަތް ކަންނެލި މަހުގެ ތަފްސީލަށް ބަލާއިރު، 168އޮޑިއަކުން 10 ކިލޯއިން މަތީގެ 80.45 ޓަނުގެ މަސް ގަނެފައިވެއެވެ. އަދި އެ މަހަށް ޖުމްލަ 1.6 މިލިޔަން ރުފިޔާ ދޫކޮށްފައިވެއެވެ. މީގެއިތުރުން، 148އޮޑިއަކުން 15ކިލޯއިން މަތީގެ 72.16 ޓަނުގެ މަސް ގަނެފައިވާއިރު، އެމަހަށް ޖުމްލަ 1.8 މިލިޔަން ރުފިޔާ ދޫކޮށްފައިވެއެވެ.