މާލޭ ނޯތު ހާބަރު ބޭރުތޮށީގައި އޮއްވައި، ދިޔަވާން ފެށި ”ރަސްރީތި“ ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓުގެ ދިޔަ ހިއްކައިފި އެވެ.

އެމްއެންޑީއެފުން ބުނީ، މާލޭ ނޯތު ހާބަރު ބޭރުތޮށި ސަރަހައްދުގައި އަޅާފައި އޮއްވައި، އެ ބޯޓް ދިޔަވާކަމުގެ މަޢުލޫމާތު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުނީ، މިއަދު 08:38 ހާއިރުކަމަށެވެ. އަދި،  އެ މަޢުލޫމާތު ލިބުމުން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް، މާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން އެ ސަރަހައްދަށް ގޮސް، ޕަންޕު ބޭނުންކޮށްގެން އެ ބޯޓުން ދިޔަ ހިއްކުމުގައި އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ. އެގޮތުން، އެމްއެންޑީއެފް އެފްއާރުއެސްގެ ސިފައިން ޕަންޕު ބޭނުންކޮށްގެން ދިޔަހިއްކުމަށް ކުރި މަސައްކަތުން، މިއަދު 09:51 ހާއިރު ބޯޓުގެ ދިޔަގަނޑު އެއްކޮށް ހިއްކާފައިވާކަމަށެވެ.

މީގެ އިތުރުން، އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން އެ ސަރަހައްދަށް ގޮސް، ޑައިވްކޮށްގެން އެ ބޯޓްގެ އަޑިން އެއްވެސް ގެއްލުމެއް ވެފައިވޭތޯ ވަނީ ބަލާފައިވާކަމަށާއި، ބެލިބެލުމުން އެއްވެސް ގެއްލުމެއް ވެފައި ނުވާކަން ފާހަގަވިކަމަށް އެމްއެންޑީއެފުން ބުންޏެވެ.