ރޯދަ ހަދިޔާގެ ގޮތުގައި ބަހާ މަސްދަޅުތައް އުފެއްދުމުގެ މަސައްކަތް މިމަހުގެ15 ވަނަ ދުވަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް މިފްކޯގެ ސީއީއޯ ބްރިގޭޑިއަރ ޖެނެރަލް ރިޓާޔަޑް ފަރުހަތު ޝަހީރު ވިދާޅުވެއްޖެއެވެ.
ޕީއެސްމެއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މިފްކޯގެ ސީއީއޯ ވިދާޅުވީ، ރޯދަ ހަދިޔާގެގޮތުގައި ސަރުކާރުން ގޭބިސީތަކައް މިއަހަރު ހަދިޔާ ކުރާ މަސް ދަޅުކޭސްތަކުގެ އޯޑަރު މިދިޔަ އަހަރާއި ޚިލާފަށް ކުރިޔާލާ ލިބުނުކަމަށެވެ. އަދި، ދުރާލާ އޯޑަރު އައުމާއި ގުޅިގެން މިފްކޯގެ ޕްރޮޑަކްޝަން ޝެޑިއުލްއަށް ބަދަލު ނުގެނެސް އޮމާންކަމާއެކު އުފެއްދުން ކުރިޔަށްދާކަމަށާއި، މިހާރު އެ އޯޑަރުގެ މަސައްކަތް ނިމުމަކާ ގާތައް ގޮސްފައިވާކަމަށް ފަރުހަތު ވިދާޅުވިއެވެ.
ފަރުހަތު އިތުރަށް ވިދާޅުވީ، މިއަހަރު އުފައްދަނީ އެއް ލައްކަ އަށާރަ ހާސް މަސް ދަޅު ކޭސްކަމަށާއި، އޭގެ ތެރެއިން ބައެއް މަސްދަޅު ކޭސްތައް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއާއި އެސްޓީއޯ ގުޅިގެން އައްޑޫ ސިޓީއާއި ކުޅުދުއްފުށި ސިޓީގައި މިހާރު ރައްކާކޮށްފައިވާކަމަށެވެ. އަދި، މިހާރު ޕްރޮޑަކްޝަން މަސައްކަތް ކުރިޔަށްދާގޮތުންނަމަ މިމަހުގެ 15އިގެ ނިލަޔަށް ޕްރޮޑަކްޝަން އެއްކޮށް ނިންމާލެވޭނެކަމަށް ފަރުހަތު ވިދާޅުވިއެވެ.
އަދި މިދިޔަ އަހަރުގެ ތަޖުރިބާއަށް ބެލުމަށްފަހު މިއަހަރު ރޯދަ ހަދިޔާ ބެހުމުގެ ކަންކަން ވަރަށް ދުރާލާ އިންތިޒާމް ކުރަމުންދާ ކަމަށާއި، އެކަމަށްޓަކައި ވަރަށް ފުރިހަމައަށް މިފަހަރު ތައްޔާރުވަމުންދާ ކަމަށެވެ. ވަޒީރު ވަނީ، ރޯދަ ހަދިޔާގެ ގޮތުގައި ބަހާ މަސްދަޅުގެ %75 މަސްދަޅު މިހާރު ތައްޔާރުކޮށް ނިމިފައިވާ ކަމަށް ވިދާޅުވެފައެވެ.
މިދިޔަ އަހަރުގެ ރޯދަމަހު ސަރުކާރުން ވަނީ، ރޯދަ ހަދިޔާގެ ގޮތުގައި 111،231 މަސްދަޅު ކޭސް ގޭ ބިސީތަކައްް ހަދިޔާކޮށްފައެވެ. މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުގެ ރޯދަމަހުވެސް ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ދިނުމަށް ސަރުކާރުން ނިންމާފައިވާއިރު، މަސް ދަޅު ބެހުމުގެ އޮޕަރޭޝަނަށް ކަމާ ގުޅޭ އިދާރާތަކުން ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން ދުރާލާ މަސް ދަޅު ބެހުމުގެ މަސައްކަތް ފެށުމަށް އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަރް ފަށާފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރް މީގެކުރިން ވިދާޅުވެފައި ވެއެވެ.