ބ. ދަރަވަންދޫގައި ފަރުމަސްވެރިކަން ކުރިއެރުވޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފި އެވެ.
މި މަޝްވަރާކުރެއްވީ މިނިސްޓަރ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އަހްމަދު ޝިޔާމް މިއަދު ބ. ދަރަވަންދޫ ކައުންސިލާއެކު ބޭއްވެވި ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި، މަސްވެރިކަމާއި، ދަނޑުވެރިކަމުގެ ދާއިރާއިން ހުރި ފުރުސަތުތަކާއި ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައި ވެއެވެ. ވަކީން ހާއްސަކޮށް ދަރަވަންދޫގައި ފަރުމަސް ވެރިކަން ކުރިއެރުވޭނެ ގޮތްތަކާ ގުޅޭ ގޮތުންވެސް މަޝްވަރާކުރެއްވިއެވެ.
ފަރުމަސްވެރިކަމުގެ ދާއިރާ ތަރައްޤީކޮށް، އިޤްތިޞާދީ ގޮތުން ސިންދަފާތުކުރުމަށާއި، މި ދާއިރާއަށް ޝައުޤުވެރިވާ ފަރާތްތަކަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމަށްޓަކައި ސަރުކާރުން ދަނީ އިސްތިރާޖީ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަސައްކަތްތައް ބައްޓަންކޮށްފައިވަނީ، ޤައުމުގެ އިޤްތިޞާދީ ދުވެލި އަވަސްކުރުމާއެކު، މަސްވެރިކަމުގެ ދާއިރާގައި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުން ހޯދުމަށް މަގުފަހިވާނެގޮތަށެވެ. މީގެތެރޭގައި، އެކުއާކަލްޗަރގެ ނިޒާމުތައް، ދިރޭ ކާނާ އާލާކުރުން، މަހުގެ ބަޔޮލޮޖީ، ފާނަ އާލާކުރުން، ހުއިފި ލަނޑާ އާލާކުރުން، ދިވެހި މާގަނޑު މަސް އާލާކުރުން، އިތާމުތް އާލާކުރުން އަދި މޫދުވިނަ ހަދައި އާލާކުރުމަށް ކުރިޔަށް ގެންދާ މެރިން ހެޗަރީ ސްކިލްސް ޕްރޮގްރާމް ހިމެނެއެވެ.