40 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް، މޫސުމާބެހޭ ގައުމީ އިދާރާއިން އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުމީ ހުދު ސަމާލު ނެރެފިއެވެ.
މޫސުން ގޯސްވެ މިއަދު ހެނދުނު 10:00 ގައި އެ އިދާރާއިން އެންްމެ ފުރަތަމަ ނެރުނީ ރީނދޫ ސަމާލެކެވެ. ހއ އިން ފެށިގެން އދ އަތޮޅާ ހަމަޔަށް ނެރުނު ސަމާލުގެ ވަގުތު ހަމަވުމާއެކު، އެއިދާރާއިން މިހާރުވަނީ އެ އަތޮޅުތަކަށް ހުދު ސަމާލެއް ނެރެފައެވެ. މި އަތޮޅުތަކުގެ އިތުރުން ވ،މ،ފ އަދި ދ.އަތޮޅަށްވެސް މިހާރު ވަނީ ހުދު ސަމާލު ނެރެފައެވެ. ސަމާލު ނެރެފައިވަނީ، މެންދުރު 02:00 އިން މިރޭ 08:00 އާ ހަމަޔަށެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ބުނެފައިވަނީ، ހުޅަނގު މޫސުމުގެ ބާރު ގަދަވުމާއި ގުޅިގެން ކުރިޔަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެކަމަށެވެ. އެގޮތުން އާންމު ވައިގަދަވެ ކަޑުތައް ގަދަވާނެކަމަށް ލަފާކޮށްފައިވާއިރު، ވިލާގަނޑުގައި ވައި އަދި ކަނޑުތައް ގަދަވާނެކަމަށް ލަަފާކޮށްފައިވެއެވެ. އަދި، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރައި، އަދި ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް އެއިދާރާއިން ބުނެފައި ވެއެވެ.
މޫސުން ގޯސްވަމުން އަންނާތީ މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ، އާންމުކޮށް ހުރިހައި ފަރާތްތަކުން، ވަކީން ޚާއްސަކޮށް ދަތުރުވެރިން މުސުމާބެހޭ މައުލޫމާތު އަދާހަމަ ކުރުމާއެކު މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.