ރާއްޖޭގެ އެކި ސަރަހައްދުގައި މަސްވެރިންނަށް ބޭނުންވާ ކޯލްޑް ސްޓޯރޭޖް ގާއިމުކުރުމަށް ހިންގާ މަޝްރޫއު ކުރިޔަށް އޮތް15 މަސްތެރޭގައި ނިންމައި ހަވާލުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތައް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރޯމަސް ރައްކާކުރާނެ ކޯލްޑް ސްޓޯރޭޖްނެތުމުގެ މައްސަލަކަމަށެވެ. އަދި މިކަމަށް ހައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ތިނަދޫ ސިޓީ، ޅ. ފެލިވަރު، މ.މުލައް، ގއ ކޫޢްޑޫ، އައްޑޫ ހުޅުދޫ، ހއ.އިހަވަންދޫ،ގ ދ. ފިޔޯރީ، އަދި ފ. ނިލަންދޫގައި ކޯލްޑް ސްޓޯރޭޖް ގާއިމުކުރުމުގެ މަޝްރޫއުތައް މިހާރު ހިންގަމުން އަންނަކަމަށެވެ. އަދި، މި މަޝްރޫއުތައް ކުރިޔަށް އޮތް 15 މަސް ތެރޭގައި ނިންމާ ހަވާލު ކުއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

ރިޔާސީ ބަޔާނުގައި ރައީސް ވަނީ، މަސްވެރިންނާ ގާތުން މަސްވެރިންގެ އަޑު އަހައިގެން މަސްވެރިކަމުގެ ސިނާއަތައް އުޖާލާ ގެނެސްދިނުމުގައި މި ސަރުކާރުން ސާބިތުކަމާއެކީ ކުރިޔަށްދާނެކަމުގެ ޔަގީންކަންވެސް އަރުވާފައެވެ.