ސަރުކާރުގެ ފަރާތުން މ.ވޭވަށުގައި ގާއިމުކުރާ އައިސް ޕްލާންޓުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
އައިސް ޕްލާންޓްގެ ގާއިމުކުރުމުގެ މަސައްކަތްކުރަމުންދާ، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ބުނީ، މަސައްކަތަށް ބޭނުންވާ ސާމާނު ސައިޓަށް ގެންގޮސް، މިހާރު ކުރިޔަށްދަނީ އައިސް ޕްލާންޓު އިމާރާތުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތްކަމަށެވެ.
100 ޓަނުގެ އައިސް ރައްކާކުރެވޭ ސްޓޯރޭޖް ފެސިލިޓީއަކާއެކު، ވޭވަށުގައި ގާއިމުކުރާ އައިސް ޕްލާންޓަކީ، ދުވާލަކަށް 60 ޓަނުގެ ފްލޭކް އައިސް އުފެއްދޭވަރުގެ އައިސް ޕްލާންޓެކެވެ.
240 ދުވަހުގެ ތެރޭގައި ނިންމާގޮތަށް، ވޭވަށު އައިސް ޕްލާންޓު މަޝްރޫއުގެ މަސައްކަތް މިފްކޯއާ ހަވާލުކުރީ 27 ސެޕްޓެމްބަރު 2025 ގައެވެ. މިފްކޯއިން ބުނީ، މަސައްކަތް ނިންމަން ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމުމަށް އަމާޒު ހިފާފައިވާކަމަށާއި، އައިސް ޕްލާންޓް ނިންމާ އޮޕަރޭޝަނަށް ގެނެވުމާއެކު، މުލަކައަތޮޅާއި އެސަރަހައްދުގެ މަސްވެރިންނަށް އައިސް ލިބުމުގެ ޔަގީންކަން ބޮޑުވެ، މަސްވެރިކަމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.
މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެގޮތް ފަހިކުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ދަށުން، 23 އައިސް ޕްލާންޓެއްގެ މަސައްކަތް މިހާރުދަނީ ކުރަމުންނެވެ.
މި އައިސްޕްލާންޓްތަކުގެ މަސައްކަތް ނިންމާ މިއަހަރު އޮޕަރޭޝަނަށް ގެންނަން ސަރުކާރުން އަމާޒު ހިފާފައިވާއިރު، މި ހުރިހައި އައިސް ޕްލާންޓްތައް އޮޕަރޭޝަނަށް ގެނެވުމާއެކު، މޫސުމީ މަސްވެރިކަމުގައި އައިހަށް ޖެހޭ ޖެހުން އެއްކޮށް ނިމުމަކަށް ގެނެވޭނެކަމަށް ސަރުކާރުންބުނެއެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އައިސް ޕްލާންޓްތައް ގާއިމުކުރުމށް ފަށާފައިވާ މަޝްރޫއުތަކަކީ، ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގެ އިންފްރާސްޓްރަކްޗަރ ތަރައްގީކޮށް، މަސްވެރިންނަށް ބޭނުންވާ ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ބައެކެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ތަރައްގީކުރުމަށް ކުރެވޭ މަސައްކަތުގެ ވެސް ބައެއެއްގެގޮތުގައި މިފްކޯއިން ފާހަގަކުރެއެވެ.