ބައިނަލްއަގުވާމީ ޚިދުމަތްތައް ދެމުން އަންނަ ރާއްޖޭގެ ބަނދަރުތައް، ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތައް ހިންގަމުންދޭތޯ ކަށަވަރުކުރުމުގެ މަޝްވަރާތައް ފަށައިފި އެވެ.
ދިވެހިރާއްޖޭގެ ބަނދަރުތަކުގެ ސަލާމަތީ އިންތިޒާމުތަކާއި ހިންގުން، ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތްތޯ ކަށަވަރުކުރުމަށް، ކޮންމެ އަހަރަކު ކުރިއަށް ގެންދާ ޕްރޮގްރާމުގެ މިއަހަރުގެ މަޝްވަރާތައް ކުރިޔަށްދާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައި ވެއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ކަމާބެހޭ ބޭފުޅުންނާ އެމެރިކާ ކޯސްޓްގާޑުގެ ޓީމާ ދެމެދު ކުރިޔަށްދާ މި މަޝްވަރާތަކުގައި ބަނދަރު ހިންގަމުންދާގޮތުގެ އެސެސްމަންޓްތައް ހަދައި، ކަނޑުގެ ސަލާމަތާއި، ހާދިސާތަކަށް އިޖާބަ ދިނުން އިތުރުކުރުމަށް ކުރެވިދާނެ ކަންތައްތައް ދެނެގަނެ އެއްބާރުލުންދޭނެ ދާއިރާތައް ދެނެގަނެވޭނެއެވެ. މި މަޝްވަރާތަކުގެ އަލީގައި ހޯދޭ ހޯދުންތަކުން، ދިވެހިރާއްޖޭގެ ބަނދަރުތަކުގެ ސަލާމަތީ ފެންވަރު އިތުރަށް ހަރުދަނާކުރުމަށް އެހީތެރިވެދޭނެކަމަށް ބެލެވޭކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައި ވެއެވެ.












