”މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް“ ގެ ދަށުން ކުރިއަށްގެންދާ އަސާސީ މެރިކަލްޗަރ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން ހުޅުވާލައިފިއެވެ.
”މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް“ އަކީ ފަރުމަސް އާލާކުރުމުގެ ހުނަރު ތަރައްޤީކޮށް، މި ދާއިރާއިން ފަންނީ މީހުން އުފެއްދުމުގެ މަޤްޞަދުގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އާއި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް ގުޅިގެން ކުރިޔަށްގެންދާ ޕްރޮގްރާާމެކެވެ. މި ޕްރޮގްރާމްގެ ދަށުން މިއަހަރު ކުރިޔަށްގެންދަން ރާވާފައިވާ ދެވަނަ އަސާސީ މެރިކަލްޗަރ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ވަނީ ހުޅުވާލާފައެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ، މި ކޯހުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 30 ސެޕްޓެމްބަރު 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން، ކޯހުގެ ފޯމު ފުރިހަމަ ކުރުމަށްފަހު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއެކު ފޯމް ހުށަހެޅުމަށް އެދޭކަމަށެވެ. ސީދާ މިނިސްޓްރީއަށް ނުވަތަ އީމެއިލް މެދުވެރިކޮށްވެސް ފޯމް ހުށަހެޅޭނެއެވެ. ފޯމު އީމެއިލް ކުރަންޖެހެނީ info@mmri.gov.mv އަށެވެ. މި ކޯހުން ފުރުސަތު ލިބޭނީ 15 ފަރާތަކަށް ކަމަށާއި، 15 ފަރާތަށްވުރެ އިތުރަށް ފޯމު ހުށަހަޅައިފިނަމަ، ބައިވެރިން ހޮވާނީ ފޯމު ހުށަހަޅާ ތަރުތީބުންކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ.
14 ދުވަހުގެ މުއްދަތަކަށް ކުރިޔަށްގެންދަން ރާވާފައިވާ ދެވަނަ އަސާސީ މެރިކަލްޗަރ ކޯސް ހިންގާނީ 18 އޮކްޓޯބަރު 2025 އިން 30 އޮކްޓޯބަރު 2025 އަށް، ކ. މަނިޔަފުށީގައެވެ. ކޯހުގެ މުއްދަތުގައި ބައިވެރިންގެ ހުރުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ ކ. މަނިޔަފުށީގައެވެ. އަދި ކޯހުގެ ބޭނުމަށް މާލެއާއި މަނިޔަފުށި ދެމެދު ކުރަންޖެހޭ ދަތުރުތަކާއި، ބައިވެރިންގެ ހުރުމާއި ކެއުމުގެ އިންތިޒާމު ހަމަޖައްސައިދެނީ މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓްއިންނެވެ.