މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުމީ ހުދު ސަމާލު ނެރެފި އެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ކ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމަޔަށް ހިމެނޭ ސަރަހައްދަށެވެ. އެ ސަރަހައްދަށް ހުދު ސަމާލު ނެރެފައިވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކޮށްނެވެ. އަދި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެކަމަށްވެސް ލަފާކޮށްފައި ވެއެވެ. ސަމާލު ނެރެފައިވަނީ މެންދުރުފަހު 01:30 އާ ހަމައަށެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން މޫސުން ކުރިޔަށް ލަފާކޮށް ބުނެފައިވަނީ އެކިހިސާބަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށެވެ. ވައިޖެހޭނެކަމަށް ލަފާކޮށްފައިވަނީ ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.
މިއަދު ހުރިހައި ސަރަހައްދެއްގެ ކަނޑުތައްވެސް ގަދަވެފައި ރާޅުނަގާނެކަމަށް ލަފާކޮށްފައިވަނީ 4-7 ފޫޓް އުސްމިނުގައެވެ.
މޫސުން ގޯސްކަމުން، ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.