ނޭޝަނަލް ވެސަލް މޮނިޓަރިންގ ސިސްޓަމް ޤާއިމްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ އެދުމުގެ މަތިން، ފިނޭންސް މިނިސްޓްރީން މިކަމާގުޅޭގޮތުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދާނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެންސީ.ބީ) އުޞޫލުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންކަމަށެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކޮށްފައިވާނެކަމަށެވެ.
މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ފިނޭންސުން މިހާރު ހުޅުވާލާފައިވާއިރު، މި ބީލަމުގައި ބައިވެރިވެވެނީ 500ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކައިގެންނެވެ. މިއަދުން ފެށިގެން މިމަހުގެ 26 ވަނަ ދުވަހާ ހަމަޔަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 14:00 އަށް ފިނޭންސް މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް – ބަނޑޭރި ޕޭ މެދުވެރި ކޮށް ފައިސާ ދެއްކޭނެއެވެ.
ޕްރީބިޑް ބައްދަލުވުން އަންނަ ބުަދަ ދުވަހު ހެނދުނު 11:00ގައި އޮންލައިންކޮށް ބާއްވަން ނިންމާފައިވާއިރު، ބިޑު ހުށަހަޅަންޖެހޭނީ ބީލަން ޕޯޓަލް މެދުވެރިކޮށް 28 އޮގަސްޓު 2025 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00ގެ ކުރިންނެވެ. މި ޕްރޮޖެކްޓުގެ ބިޑު ހުޅުވުން އޮންނާނީ 28 އޮގަސްޓު 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގައެވެ. ބީލަމުގައި ބައިވެރިވާ ފަރާތްތަކުން ބިޑްސެކިޔުރިޓީގެ ގޮތުގައި 95،000 ރުފިޔާ ހުށަހަޅަންޖެހޭއިރު ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.
ބީލަން ޕޯޓަލް މެދުވެރިކޮށް ބީލަން ހުށަހެޅޭނީ ބީލަން ޕޯޓަލްއަށް ރަޖިސްޓަރީވާ ފަރާތްތަކަށެވެ. މި މަސައްކަތަށް ބިޑު ހުށަހެޅުމަށް ހަމަޖެހިފައިވާ ތާރީޚުގެ މަދުވެގެން ތިން ދުވަސް ކުރިން ބީލަން ޕޯޓަލް ރަޖިސްޓަރޭޝަން ފުރިހަމަ ކުރަންވާނެކަމަށާއި، ބީލަން ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ބިޑު ފިޔަވައި އެހެން އެއްވެސް ބިޑެއް ބަލައެއް ނުގަންނާނެކަމަށް ފިނޭންސުން ބުނެފައި ވެއެވެ.