ކަނޑައިގެން ދިޔަ ހއ. ހަތިފުށީ ކަނދުފަތި އަލުން ގާއިމުކޮށްފި އެވެ.
ފިޝަރީޒް މިނިސްޓްރީގެ ފަންނީ ޓީމުން މިއަދު އެ ކަނދުފަތި އަލުން ގާއިމުކޮށްފައިވަނީ ކުރިންވެސް، އެކަނދުފަތި އަޅާފަ އޮތް ސަރަހައްދުކަމަށްވާ، ހއ.ހަތިފުށީ ހުޅަނގުން 20 މޭލު ބޭރުގައެވެ. އަލުން ގާއިމުކުރި ދޮށީ ކަނދުފަތީގެ ނަންބަރަކީ B08D02 އެވެ.
ކަނދުފަތި އެޅި ލޮކޭޝަން:
ފިޝަރީޒް މިނިސްޓްރީން އުތުރުގެ އަތޮޅުތަކަށް ކުރަމުންދާ ދަތުރުގައި އިއްޔެ ހއ އަތޮޅުން ކަޑައިގެން ދިޔަ އެހެން ބޮއެއްވެސް އަލުން ގާއިމުކޮށްފައެވެ. އިިއްޔެ ކަނދުފަތި ގާއިމުކޮށްފައި ވަނީ ހއ.ކެލާގެ އުތުރުން 17 މޭލު ބޭރުގައެވެ. އެ ކަނދުފަތި ނަންބަރަކީ، B09D01-02 އެވެ.
ދޮށީ ކަނދުފައްޗަކީ ދޮށީގެ މަސްވެރިކަން ނުވަތަ ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްޞަކޮށްގެން އަޅަމުން އަންނަ ކަނދުފަތިތަކެކެވެ. އެކަނދުފަތިތަކުގެ ވަށައިގެންވާ ސަރަހައްދުގައި ދޮށީ މަސްވެރި އުޅަނދުފަހަރަށް ދަތިވާގޮތައް އެހެނިހެން މަސްވެރިކަން ކުރުމަކީ ގާނޫނީ ގޮތުން މަނާކަމެކެވެ.
ރާއްޖޭގެ ކަނދުފަތި ވިއުގައަށް ބަލާއިރު މިވަގުތު 65 ދޮށީ ކަނދުފަތި އެބަައޮތެވެ. އޭގެތެރެއިން 4 ކަނދުފަތި ގާއިމުކޮށްފައިވަނީ ހއ އަތޮޅުގައެވެ.
ކަނޑައިގެންދާ ބޮއިތައް އަލުން ގާއިމުކުރުުމުގެ މަސައްކަތް ވަކި އުސޫލެއްގެ މަތީން ފިޝަރީޒް މިނިސްޓްރީން ދަނީ ކުރަމުންނެވެ. ބޮއެއް ހަރުކުރުމުގެ ޚަރަދައް ގާތްގަނޑަކަށް 5 ލައްކަ ރުފިޔާ ޚަރަދުވާކަމަށް ފިޝަރީޒް މިނިސްޓްރީން މީގެކުރިން ބުނެފައި ވެއެވެ. ކަނޑައިގެންދާ ބޮއި އަލުން ގާއިމުކުރުމަށް ގޮންޖެހުންތަކާއި ކުރިމަތިވެފައިވަނީ މިހާރު އެ މަސައްކަތްކުރަނީ އެންމެ ސެންޓަރަކުން ކަމަށްވެފައި، އަދި އަލުން ގާއިމުކުރުމަށް ކުރަންޖެހޭ ހޭދަ ބޮޑުކަމުންނެވެ. ކަނދުފަތީގެ ވިއުގަ އިތުރަށް ފުޅާކުރުމަށާއި، ކަނޑައިގެންދާ ބޮއިތައް އަވަހަށް ގާއިމުކުރުމަށް ކުރިމަތިވަމުން އަންނަ ގޮންޖެހުންތައް ހައްލުކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ރާއްޖޭގެ އުތުރާއި ދެކުނުގައި ބޮއި ތައްޔާރުކުރާ މަރުކަޒުތައް ގާއިމުކުރުމަށް ކަނޑައަޅައި، އެތަންތަން ގާއިމުކުރުމުގެ ތައްޔާރީތައްވަމުންދާކަން ފާހަގަކުރެވެއެވެ.