ހުޅުމާލޭ ފަޅު ތެރޭގައި ފައިބަރުގެ މަސައްކަތްކުރުން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މަނާކޮށްފި އެވެ.
އެޗްޑީސީން މިކަން އާންމުކޮށް އަންގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހުޅުމާލޭ ފަޅުތެރޭ އަޅާފައި ހުންނަ ދޯނިފަހަރާއި އޮޑިފަހަރުގައި ބައެއް މީހުން ފައިބަރު މަސައްކަތްކުރާކަން އެ ކުންފުނީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، މާދަމައިން ފެށިގެން އެކަން ހުއްޓާލަން އަންގާކަމަށެވެ. އަދި މިއެންގުމާ ޚިލާފުވާ ފަރާތްތަކާމެދު މެރިން ޕޮލިހާއި، ކަމާ ގުޅުންހުރި އެހެނިހެން އިދާރާތަކާ ގުޅިގެން ފިޔަވަޅުއަޅައި، ހުޅުމާލޭ ފަޅު ތެރޭ ފައިބަރު މަސައްކަތްކުރުން ހުއްޓުވުމަށް ކުރަންޖެހޭ ކަންކަން ކުރާނެ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.
އެޗްޑީސީން ބުނީ، ފަޅު ތެރޭގައި ފައިބަރު މަސައްކަތްކުރުމަކީ އެކަމުގެ ސަބަބުން ތިމާވެއްޓަށް ނޭދެވޭ އަސަރުކުރުމުގެ އިތުރުން، ފަޅު ބޭނުންކުރާ ފަރާތްތަކައްވެސް ގެއްލުންވާނެ ކަމެއް ކަމަށެވެ. އެހެންނަމުން މާދަމާރޭ 12:00 ގެ ކުރިން މަސައްކަތް ހުއްޓާލުމަށް ނުވަތަ އެ މަސައްކަތްކުރުމަށް ޚާއްސަ ކުރެވިފައިވާ ސަރަަހައްދެއްގައި މަސައްކަތް ފެށުމަށް އެޗްޑީސީން އެދިފައި ވެއެވެ.












