ރޭ ބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލިފައިވާ މީހުން ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ޚާއްސަ ސަމާލުކަމަކާއެކު ކުރަމުން ގެންދާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.
ޢެމަނިކުފާނު ސޯޝަލް މީޑިއާގައި މިއަދު ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، ކޮޅުވެއްޓިއެއް ބަންޑުންޖެހުމުގެ ހިތާމަވެރި ޙާދިސާއެއް ރޭ ހިނގައި، އެ އުޅަނދުން ދަތުރުކުރި އެކަކު ނިޔާވެފައި ވަނިކޮށް ފެނުނު ޚަބަރު އަޅުގަނޑު އަޑުއެހީ ފުން ހިތާމައާއެކުގައި ކަމަށެވެ.
”މަރްޙޫމަށް ﷲގެ ރުއްސެވުމާއި ފުއްސެވުމަށް އެދި ދުޢާކޮށް، އެ ޢާއިލާއަށް ކެތްތެރިކަން މިންވަރުކޮށް ދެއްވުން އެދެން. މި ޙާދިސާގައި ގެއްލިފައިވާކަމަށް މިހާތަނަށް ފާހަގަކުރެވިފައިވާ 2 މީހުން ހެޔޮ ޙާލުގައި ތިއްބާ ފެނުން އެދި ދުޢާކުރަން. އަދި، މިހާތަނަށް ސަލާމަތްވި މީހުންނަށް ކުރިމަތިވި ޞިއްޙީ އަދި ނަފްސާނީ ދަތިތަކަށްވެސް އަވަހަށް ޝިފާ ލިބި، ޢާއްމު ޙާލަތަކަށް އައުމަށް އެދި ދުޢާކުރަން. މި ހުރިހާ ފަޅުވެރީންގެ ޢާއިލާތަކަށްވެސް އަޅުގަނޑު އެދެނީ ކެތްތެރިކަން ދެއްވުން.“ ރައީސް ވިދާޅުވެފައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ކޮޅުވެއްޓީގައި ދަތުރުކުރި ހުރިހާ ފަޅުވެރީންނާމެދުވެސް ދެވެން އޮތް ހުރިހާ އަޅައިލުމަކާއި އެހީތެރިކަމެއް ދެއްވާނެކަމުގެ ޔަގީންކަމާއި ގެއްލިފައިވާ މީހުން ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ޚާއްޞަ ސަމާލުކަމަކާއެކު ކުރަމުން ގެންދާނެކަމުގެ ޔަގީންކަން ދެއްވާފައި ވެއެވެ. އަދި، މޫސުން ގޯސް ޙާލަތްތަކުގައި، ކަމާބެހޭ އިދާރާތަކުގެ އިލްތިމާސްތަކަށް އިޖާބަ ދިނުމަށާއި، ދަތުރުމަތީގެ ރައްކައުތެރިކަން ހުރިހާ ގޮތަކުން ކަށަވަރު ކުރުމަށް ކަނޑުދަތުރު ކުރާ ފަރާތްތަކަށް ނަސޭހަތްތެރިވެވަޑައިގެންފައި ވެއެވެ.