މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) ގެ މުވައްޒަފުންގެ ފަރާތުން، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް(އެމްއޭސީއެލް)ގެ މުވައްޒަފުންނަށް ފަރިވަޅެއް ހަދިޔާކޮށްފި އެވެ.
މިފްކޯ މުވައްޒަފުންގެ ފަރާތުން އިއްޔެ ހަދިޔާ ކުރި މި ފަރިވަޅަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގް އާ ޓާމިނަލް ހުޅުވުމަށް އެމްއޭސީއެލްގެ މުވައްޒަފުން ކުރަމުންދާ ގައުމީ ބުރަ މަސައްކަތުގައި މިފްކޯގެ ފަރާތުން ވާގިވެރިވެ އެމީހުންނަށް ހިތްވަރު ދިނުމަށްޓަކައި މިފްކޯގެ އިސްނެގުމަށް، މިފްކޯގެ ހުރިހައި މުވައްޒަފުންގެ ފަރާތުން ހަދިޔާކުރި ފަރިވަޅެއް ކަމަށް މިފްކޯގެ ސީއީއޯ ބްރިގޭޑިއަރ ޖެނެރަލް(ރިޓާޔަޑް) ފަރުހަތު ޝަހީރު ވިދާޅުވިއެވެ.
”މިފްކޯއަކީވެސް ގައުމީ ކުންފުންޏެއް، ގައުމީ ޚިދުމަތުގަ ތިބި ވަރަށް ބުރަ މަސައްކަތް ކުރާ ބައެއް. އެމްއޭސީއެލްއަކީވެސް އެފަދަ ގައުމީ ކުންފުންޏެއް. އެމީހުން އެ ކުރަމުންދާ ބުރަ މަސައްކަތަކީ ގައުމީ މަސައްކަތެއް. އެ ގައުމީ މަސައްކަތް އިހުސާސްކުރެވި އެމީހުންނާ ހިތާ ރޫހުން ބައިވެރިވުމުގެ ނިޔަތުގައި އަޅުގަނޑުގެ މުވައްޒަފުން ކުރިކަމެއް އެއީ.“ މިފްކޯގެ ސީއީއޯ ވިދާޅުވިއެވެ.
އިއްޔެ ފަރިވަޅު ހަދިޔާ ކުރުމަށްޓަކައި މިފްކޯގެ މެނޭޖްމެންޓްގެ ބޭފުޅުންނާއި، މާލެ އޮފީހުގެ މުވައްޒަފުން އެއާޕޯޓަށް ކުރި ޒިޔާރަތުގައި އާ ޓާމިނަލް ހުޅުވުމަށް ވަމުންދާ ތައްޔާރީތައް ބައްލަވާލެއްވިއެވެ. މިފްކޯ ޓީމަށް މަރްހަބާ ވިދާޅުވީ، އެމްއޭސީއެލްގެ ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދެވެ. ފަރިވަޅު އެރުވުމަށް ބޭއްވި އިވެންޓްގައި އެމްއޭސީލްއެގް މެނޭޖްމެންޓް ބޭފުޅުންނާއި ބަައެއް މުވައްޒަފުންވެސް ބައިވެރިވަޑައިގެންނެވިއެވެ.
ރާއްޖޭގެ މައި ދޮރާށިކަމަށްވާ ވެލާނާ އިންޓާނޭޝަނަލް އެއަރޕޯޓުގެ އާ ޓަރމިނަލް ހުޅުވުމަށް ހަމަޖެހިފައިވަނީ، މިމަހުގެ 26 ވަނަ ދުވަހުއެވެ. މިއީ ދިވެހި އިޤްތިޞާދަށް އިންގިލާބީ ބޮޑު ބަދަލެއް ގެނުވާނެކަމެއްގެ ގޮތުގައި އިގުތިސާދީ މާހިރުން ފާހަގަކުރައްވާފައި ވެއެވެ.