ސަރުކާރުގެ އަމާޒަކީ މަސްވެރިން އަތުން މަސް ގަންނަ އަގު އަބަދުވެސް ވިހި ރުފިޔާގައި ހިފެހެއްޓުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
”ދަ ޕަލްސް“ ޕޮޑްކާސްޓްގެ ސިލްސިލާގެ 2 ވަނަ އެޕިސޯޑްގައި މަހުގެ ހަމަ އަގު ހޯދައިދިނުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކައް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަހުގެ ހަމަ އަގު ހޯދައިދިނުމަށްޓަކައި އެންމެ އިސްކަމެއް ގޮތުގައި ކުރެވުނީ އަގު ފްލޯޓް ކޮށްލުން ނުވަތަ މާކެޓް އަގުގައި އެންމެ ރަނގަޅު އަގު އެދުވަހަކު ލިބޭ އަގު ދިނުމުގެ ސިޔާސަތު ތަންފީޒުކުރުން ކަމަށާއި، އޭގެ ނަތީޖާ ވަރަށް ރަނގަޅުކަމަށެވެ.
އެ ސިޔާސަތު ސަރުކާރު މަސް ކުންފުނި، މިފްކޯއިން ތަންފީޒުކުރަން ފެށީ ސޯޅަ ރުފިޔާއިން ކަމަށާއި، މިހާރު ވިހި ރުފިޔާއާ ހަމައަށް ގެންދެވުމުން، އެކަމުން އިނގެނީ، އެދުވަހުގެ އެންމެ ރަނގަޅު އަގު މާކެޓުގައި ހުރި ޑިމާންޑަށް ބަލާ މަސް ބޭނޭ މިންވަރަށް ބަލާފަ އެހާ ހިސާބަށް ގެންދެވޭނެ ކަންކަމަށެވެ. އެހެންވީމަ ކުރިއަށް އޮތްތާގައިވެސް އުންމީދުކުރަނީ އެންމެ ބޭނުންވާ ރޭޓުގައި ވިހި ރުފިޔާއަށްވުރެ ކުޑަނުވާނެހެން އަގު ހިފެހެއްޓޭނެ ގޮތަކަށް ރޭވޭނެކަމަށް ކަމުގައި ރައީސް ވިދާޅުވިއެވެ.
”އެކަން ކުރުމަށްޓަކައި ވަރަށް މުހިންމު ރާއްޖޭގައި މިދެންނެވިހެން މަސް ރައްކާކުރެވޭނެ ގޮތާއި މަހަށް ވެލިއު އެޑް ކުރެވޭނެ ގޮތަކަށް މި ހުރިހާ ކަމެއް ގާއިމުވެގެން ދިޔުން. އޭގެ ސިޔާސަތު އަޅުގަނޑުމެން ތަންފީޒުކުރަމުން މިދަނީ.“ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މިކަން ހާސިލުވެގެންދިޔައީ ހަގީގަތުގައިވެސް މިފްކޯގެ ހިންގުން ހަރުދަނާކުރުމުގެ ނަތީޖާއެއްގެގޮތުންކަމަށެވެ. އެހެންކަމުން ސަރުކާރުން އަބަދުވެސް ބާރު އަޅާނީ މިފްކޯއިން މަސް ގަންނަން ފެށުމުގެ ސިޔާސަތު ތަންފީޒުކުުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި، މަހުގެ އަގު މިވަގުތު ދަށްކޮށް އުޅޭ ވަގުތެއްގައި ބޮޑުކުރެވޭނެ ގޮތަށްއޮތް ނަމަވެސް މިއީ ބަދަލުވާނެ އެއްޗެއްކަމަށް ރައީސް ވިދާޅުވިއެވެ.
”އަޅުގަނޑުމެން މި ބޭނުންވަނީ މުޅި އިންޑަސްޓްރީ ހަރުދަނާކުރުމަށްޓަކައި މިކަމުގައި އަބަދުވެސް މަސައްކަތްކުރަން އެ އަގު ހިފެހެއްޓޭނެ ގޮތަކަށް، ވިހި ރުފިޔާގެ ރޭޓުގައި. ދެން އެހެންނަމަވެސް އެންމެ ދަށްކޮށްވެސް 18 ރުފިޔާއަށްވުރެ ކުޑަނުވާނެ ގޮތަކަށް މަސްވެރިކަމުގެ ސިނާއަތުގެ ކަންތައްތައް އަޅުގަނޑުމެން ސަރުކާރުން ތަންފީޒުކުރަމުން ގެންދާނެ.“ ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އަމާޒަކީ އަބަދުވެސް ވިހި ރުފިޔާގައި ހިފެހެއްޓުން ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތަކީ އަގު މައްޗަށް ގެންދެވޭނެ ހިސާބަށް ދިއުމުން، 20 ރުފިޔާއަށްވުރެވެސް މައްޗަށް ގެންދިއުންކަމަށް ރައީސް ވިދާޅުވިއެވެ.