ރ އަތޮޅަށް ކަނޑު ގަދަވެ، ވައި ގަދަވާނެކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރ(މެޓް)އިން އެ އަތޮޅަށް ރީނދޫ ސަމާލު ނެރެފި އެވެ.
މެޓް އޮފީހުން ދެންމެ ނެރުނު ސަމާލުގައި ބުނެފައިވަނީ، ރ އަތޮޅަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށާއި، ވިލާ ގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ. ސަމާލުގެ ވަގުތު ހަމަވާނީ މިރޭ 11:00 ގަ އެވެ.
އުތުރުގެ އަތޮޅުތަކުގެ ތެރެއިން ށ، ނ، ބ އަދި ޅ އަތޮޅަށް މިވަގުތު އޮތީ ހުދު ސަމާލު ނެރެފައެވެ. މިރޭ 12:30 އާ ހަމަޔަށް ސަމާލު ނެރެފައިވާއިރު، މެޓް އޮފީހުން ބުނީ ސަމާލުގެ ވަގުތުގައި އެއަތޮޅުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
މާދަން ހެނދުނު10:00 އާ ހަމަޔަށް މުސުން ކުރިޔަށް ލަފާކޮށް މެޓް އޮފީހުން ބުނެފައިވަނީ، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެކަމަށާއި، އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. ވައި ޖެހޭނެކަަމަށް ލަފާކޮށްފައިވަނީ، އިރުއުތުރާއި އިރުން ގަޑިއަކު 06 މޭލާއި 16 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށް މެޓް އޮފީހުން ބުނެފައި ވެއެވެ.
ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެކަމަށްވެސް ލަފާކޮށްފައި ވެއެވެ. އަދި 3-6 ފޫޓުގެ ރާޅު ނަގާނެކަމަށް ލަފާކޮށްފައި ވެއެވެ.