1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާންމަހަށް ކޮންމެ ގޭބިސީއަކަށް ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ދޫކުރާ މަސްދަޅު ކޭސް ގްރޭޓަރ މާލެ ސަރަޙައްދުގައި ބެހުމުގެ މަސައްކަތް ނިންމާލައިފި އެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ’އެކްސް‘ ގައި ރޭ ހިއްސާ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ރޭގެ ނިޔަލަށް ގްރޭޓާ މާލެ ސަރަޙައްދުގައި މަސްދަޅު ކޭސް ދޫކުރުމުގެ މަސައްކަތް ނިންމާލާފައިވާ ކަމަށެވެ.
ވަޒީރު ވިދާޅުވީ، އެއްވެސް ސަބަބަކާހުރެ މިހާތަނަށް ރޯދަ ހަދިޔާ ނުނަގާ ފަރާތްތަކަށް ވެސް މުލަ ރޯދަ ދުވަހާ ހަމައަށް މަސް ދަޅު ކޭސް ދޫކުރާނެކަމަށެވެ. އެގޮތުން، މާލޭގައި ހުންނަ މިފްކޯ މަރުކަޒުން ރޭގަނޑު 8.30 ން 11.00 ށް މަސްދަޅު ކޭސް ދޫކުރުމުގެ އިންތިޒާމު ހަމަޖައްސާފައިވާނެކަމަށް ވަޒީރު ވިދާޅުވެފައި ވެއެވެ. އަދި ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ހުރިހާ ފަރާތްތަކައް ވަޒީރު ޝުކުރު ދަންނަވާފައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ރަމަޟާންމަހަށް ކޮންމެ ގޭބިސީއަކަށް ސަރުކާރުން ދޭ ރޯދަ ހަދިޔާ ގްރޭޓަރ މާލެ ސަރަޙައްދުގައި ދޫކުރުމުގެ މަސައްކަތް ފެށީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ. މަސްދަޅު ކޭސް ދޫކުރީ ޑޮމެސްޓިކް މީޓަރުތަކައް ބަލައިގެންނެވެ. މާލެ ސަރަޙައްދުގައި ރަޖިސްޓްރީ ކުރެވިފައިވާ ޑޮމެސްޓިކް މީޓަރުތަކުގެ އަދަދަކީ 65،230 އެވެ.