ޔޫ.އެޗް.ބީ.އޭ ފުޑްސްއިން އުފައްދާ މަހުގެ އުފެއްދުންތައް ދިވެހި ބާޒާރުގައި ހޯދަމުންދާ ކާމިޔާބީއަށް މަސްވެރިކަމާބެހޭ ވަޒީރު އަހްމަދު ޝިޔާމް ތައުރީފް ކުރައްވައިފިއެވެ.
ވަޒީރު މިފަދައިން ތައުރީފް ކުރައްވާފައިވަނީ ޔޫ.އެޗް.ބީ.އޭ ފުޑްސްގެ ބޭފުޅުންނާއެކު މިނިސްޓްރީގައި އިއްޔެ ބޭއްވެވި ބައްދަލުވުމެއްގައެވެ.
ފިޝަރީޒް މިނިސްޓްރީއާއި، ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ ބައެއް އިސްވެރިންވެސް ބައިވެއިވަޑައިގެންނެވި މި ބައްދަލުކުރެއްވުމުގައި މަސްވެރިކަމުގެ ސިނާއަތުގައި ހުރި ފުރުސަތުތަކާއި ގުޅޭ ގޮތުންނާއި، ގުޅިގެން ކުރިއަށް ދެވޭނެ ގޮތްތަކާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރި ވަނީ، ޔޫ.އެޗް.ބީއޭ ފުޑްސް އިން އުފައްދާ މަހުގެ އުފެއްދުންތައް ދިވެހި ބާޒާރުގައި ހޯދަމުންދާ ކާމިޔާބީއަށް ތައުރީފް ކުރައްވާފަ އެވެ.
ޔޫ.އެޗް.ބީ.އޭ (UHBA) އަކީ ކަނޑުމަސް ބޭނުންކޮށްގެން ތައްޔާރުކުރާ ދިވެހިވަންތަ، މީރު ކާނާގެ ބާވަތްތައް އުފައްދާ ފަރާތެކެވެ. އެ ކުންފުނީގެ އުފެއްދުންތަކުގެ ތެރޭގައި އެކި ރަހަތަކުގެ ރިހާކުރާއި، ސަންބޯލާއި، މަސް މިރުހާއި، ޗިލީ ޕޭސްޓް ހިމެނެއެވެ. މި ހުރިހައި އުފެއްދުންތަކަކީވެސް އާންމުންގެ ތެރޭގައި ވަރަށް މަގްބޫލު އަދި ކެއުމުގައި އާންމުގޮތެއްގައި ބޭނުން ކުރަމުން އަންނަ އުފެއްދުންތަކެވެ.