އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން (އައިއޯރާ) ގެ ކައުންސިލް އޮފް މިނިސްޓަރުންގެ 24 ވަނަ ބައްދަލުވުމުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ.އަބްދުﷲ ޚަލީލް ބައިވެރިވެވަޑައިގެންފިއެވެ.
“މުސްތަޤްބަލުގެ ޖީލުތަކަށް ދެމެހެއްޓެނިވި އިންޑިޔާ ކަނޑު” މި މައުޟޫޢުގެ ދަށުން މިއަދު އޮންލައިންކޮށް ބޭއްވި މިބައްދަލުވުން ޝަރަފުވެރިކޮށްދެއްވީ އައިއޯރާގެ ރިޔާސަތުގެ ހައިސިއްޔަތުން ސްރީލަންކާގެ ފޮރިން މިނިސްޓަރު ވިޖިތަ ހެރަތު އެވެ. މި ބައްދަލުވުމުގައި އައިއޯރާގެ 23 މެމްބަރު ގައުމުތަކުގެ ވަޒީރުންނާއި އިސް އޮަފިޝަލުންގެ އިތުރުން، 12 ޑައިލޮގް ޕާޓްނަރުން ބައިވެރިވެ އައިއޯރާގެ ޗާޓަރުގައި ބަޔާންކޮށްފައިވާ ލަނޑުދަނޑިތަކާއި އުސޫލުތަކަށް ވައުދުވާކަން އަލުން ކަށަވަރުކޮށްދީފައިވެއެވެ. އަދި، މެމްބަރު ގައުމުތަކުން ވަނީ އައިއޯރާ ހަރުދަނާކުރުމާއި، ސަރަހައްދީ މަސްލަހަތު ހުރި ކަންކަމާ ބެހޭ ގޮތުން މަޝްވަރާކޮށް، ‘ކޮލަމްބޯ ކޮމިއުނިކޭ’ ތަސްދީގުކޮށްފަ އެވެ.












