މާދަމައަކީ ރާއްޖޭގެ މިނިވަން ދުވަސްކަމަށްވުމާއެކު، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރިޒް ކޮމްޕެނީ(މިފްކޯ) ގެ ފިޝަރީޒް ކޮމްޕްލެކްސްތަކުންނާއި، ބޯޓް ފަހަރުތަކުން މާދަމާ މަސްވެރިން އަތުން މަސް ނުގަންނާނެކަމަށް އެކުންފުނިން ބުނެފިއެވެ.

މިފްކޯއިން ބުނީ، މާދަމާ މަސް ނުގަތަސް، މެންދުރު ފަހު 14:00 އިން ފެށިގެން ރޭގަނޑު 19:00 އާ ހަމަޔަށް ފިޝަރީޒް ކޮމްޕްލެކްސްތަކުންނާއި އައިސް ޕްލާންޓްތަކުން މަސްވެރިންނަށް އައިސް ދޫކުރާނެކަމަށެވެ. އަދި މި ގަޑިތަކުގައި ކޮމްޕްލެކްސްތަކުން ތެޔޮވެސް ވިއްކޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށް މިފްކޯއިން ބުންޏެވެ.

މިފްކޯއިން މަސްގަތުމުގައި ގެންގުޅޭ އުސޫލުތަކަށް ބަލާއިރު، އެކި މުނާސަބަތުތައް ފާހަގަކުރުމަށް ސަރުކާރުން ކަނޑައަޅާ ރަސްމީ ބަންދު ދުވަސްތަކާއި، އީދު ދުވަސްތަކުގައި މަސް ނުގަނެއެވެ. އަދި، މިފްކޯއާ މުއާމަލާތްކުރަމުން އަންނަ ކެޔޮޅުންނަށް އެ ދުވަސްތައް ގާތްވުމުން، ކުރިޔާލާ އަންގައެވެ.