ގއ.ކޮލަމާފުށި ކައިރީގައި ވަދު ކަނދުފައްޗެއް ގާއިމުކުރުމާ ބެހޭގޮތުން މަޝްވަރާކޮށްފި އެވެ.
ކޮލަމާފުށި ކައިރީގައި ވަދު ކަނދުފައްޗެއް ގާއިމުކުރުމާމެދު މަޝްވަރާ ކުރައްވާފައިވަނީ، ފިޝަރީޒް މިނިސްޓްރީގެ ފަރާތުން މިއަދު ކޮލަމާފުށީ ކައުންސިލާއެކު ބޭއްވެވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި، އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންކަމަށްވާ މުޙައްމަދު މުއްޠަލިބާއި، އާމިނަތު ޙުސައިން ޝަރީފްގެ އިތުރުން މިނިސްޓްރީގެ ބައެއް އިސްވެރިން ބައިވެރިވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ކޮލަމާފުށި ކައުންސިލުން ވަނީ ރަށަށް ބޭނުންވާ ކަންކަން ފާހަގަކުރައްވާފައެވެ. އެގޮތުން ކޮލަމާފުށި ކައިރީގައި ވަދު ކަނދުފައްޗެއް ގާއިމް ކުރުމާ ގުޅޭގޮތުންނާއި ކޮލަމާފުށި އައިސްޕްލާންޓަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމާއި، ކޮލަމާފުށީ އިހުތިސާސްގެތެރޭގައި އޮންނަ ރަށެއްގައި މެރިކަލްޗަރ ތަރައްގީކުރުމަށް މިނިސްޓްރީގެ އެއްބާރުލުން ހޯދުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި އެވެ. މީގެއިތުރުން ކޮލަމާފުށީ މަސްވެރިންނަށް ހުރި ދަތިތައް ހައްލުކުރުމަށާއި، މަސްވެރިކަމުގެ ސިނާޢަތު އިތުރަށް ކުރިއެރުވުމަށްޓަކައި މި ދާއިރާގައި ކުރެވިދާނެ މަސައްކަތްތަކާއި އަދި ދާއިރާއިން ލިބެންހުރި ފުރުޞަތުތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައި ވެއެވެ.
ކޮލަމާފުށި ކައުންސިލުން ފާހަގަކުރެއްވި ކަންކަން ހައްލު ކުރުމަށް މަސައްކަތް ކުރާނެކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައި ވެއެވެ.