ދިގު މުައްދަތަކަށް ތެޔޮ ރައްކާކުރެވޭނެ ނިޒާމއް ގާއިމުކުރުމުގެ ގޮތުން ރާއްޖޭގެ ތިން ސަރަހައްދެއް ހިމެނޭގޮތަށް ”ނެޝަނަލް އޮއިލް ރިޒާވް“ އެއް ގާއިމުކުރުމުގެ ތައްޔާރީތައްވަމުން އަންނަކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ”ނެޝަނަލް އޮއިލް ރިޒާވް“ ގާއިމުކުރުމަކީ ދުރު ރާސްތާއަށް ވިސްނައިގެން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެތެރެއިން ކުރުމަށް ރާވަމުންދާ މަސައްކަތައް ކަމަށެވެ. އެގޮތުން އެކަމަށް ބޭނުންވާ ދިރާސާކުރުމުގެ މަސައްކަތް މުހާރު ފެށިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
އެކަމުގެ އިތުރު ތަފުސީލު ހާމަކުރައްވަމުން ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވީ، ތެލަކީ އެންމެ ބޮޑަށް ބަރޯސާވާންޖެހޭ އެއްކަމަށްވާތީ ސަރުކާރުގެ ވިސްނުންހުރީ ރާއްޖޭގެ ތިން ސަރަހައްދެއްގަ ތެލުގެ ރިޒާވްތަކެއް ގާއިމުކުރުމަށް ކަމަށެވެ. އެގޮތުން، ތިން ފޭސް އަކަށް ބަހާލައިގެން ދޮޅު އަހަރުން ނޫނީ ދެ އަހަރު ތެރޭގަ ފޭސް އެއް ނިންމޭ ގޮތަށް އޮއިލް ރިޒަރވް އެއް ގާއިމު ކުރުމުގެ މަސައްކަތްތަކެއް ކުރުމުގެ ވިސްނުން ގެންގުޅުއްވާކަަށް ރައީސް ވިދާޅުވިއެވެ.
”އެ މަސައްކަތް(ތެލުގެ ރިޒާވް) މިހާރު ފަށާފަ މިއޮތީ އެހެންވީމަ އަޅުގަނޑުމެންގެ ވިސްނުމަކީ ދޮޅު އަހަރު ދުވަހުން ފޭސްއެއް ގޮތަށް ގާތްގަނޑަކަށް ހަތަރު އަހަރާ ބައި ނުވަތަ ފަސްއަހަރު ތެރޭގަ ތިން ސަރަހައްދެއްގަ ރިޒަރވް އެއް ގާއިމް ކުރުން. އެކަމަށް ޓަކާ ކުރަން ޖެހޭ ދިރާސާތައް މިދަނީ ކުރަމުން، ދެން އެންޓިސިޕޭޓް ކުރެވެނީ ކޮންމެ ފޭސްއަކަށް ހަމަ އިންވެސްޓްކުރުމަށާ ހުރިހާކަމަކަށް 150 މިލިއަނެއްހާ ޑޮލަރު ސަރުކާރުން ހަރަދު ކުރަން ޖެހޭނެ ކަމަށް.“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ތެޔޮ ރިޒާވްވެގެން ދާނީ ސޮވެރިން ޑިވެލޮޕްމެންޓު ފަދަ ފަންޑަކަށް ނުވަތަ ރިޒާވަކަށްކަމަށާއި، އެ ރިޒާވް ގާއިމުކުރުމުގެ މަސައްކަތުގެ ޕްލޭން ރާވައި ނިމުމުން އެކަމުގެ ތަފުސީލުތައް މީޑިޔާއާ ހިއްސާކުރައްވާނެ ކަމަށެވެ.