އޮސްޓްރޭލިއާ ސަރުކާރުން ހަދިޔާކުރި ”ގާޑިއަން ކްލާސް“ ޕެޓްރޯލް ބޯޓު ރާއްޖެ ގެންނާނީ އަންނަ އެޕްރީލްމަހުގެ ފަހުކޮޅުކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ބުނެފިއެވެ.
އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ޕެޓްރޯލް ބޯޓް ނުވަތަ މަނަވަރާ އިއްޔެ ރަސްމީކޮށް ހަވާލުވުމާއި ގުޅިގެން އެމްއެންޑީއެފުން އާންމުކޮށްފައިވާ ޚަބަރެއްގައި ބުނެފައިވަނީ، މި އައު މަނަވަރު، މާލެ ގެނައުމަށް ހަމަޖެހިފައިވަނީ މި އުޅަނދުގެ ކުރޫންނަށް އޮސްޓްރޭލިއާގައި ކުރިއަށްގެންދާ ޚާއްޞަ ތަމްރީނުތަކާއި ސީ-ޓްރަޔަލްތައް ނިމުމުން، މި އަހަރުގެ މޭ މަހުގެ ފަހުކޮޅުގައި ކަމަށެވެ.
ޕެޓްރޯލް ބޯޓް އެމްއެންޑީއެފާ ހަވާލުކުރުމަށް އޮސްޓްރޭލިއާގެ ޕާތުގައި ހުންނަ އެޗްއެމްއޭއެސް ސްޓާލިންގ ނޭވަލް ބޭސްގައި އިއްޔެ ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރޯޔަލް އޮސްޓްރޭލިއަން ނޭވީގެ ރިއަރ އެޑްމިރަލް ބްރެޓް ސޮންޓާއާއި، އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ސަލީމެވެ. އަސްކަރީ ކަނޑުމަތީގެ ސަޤާފަތާއި އާދަކާދައާ އެއްގޮތަށް ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި، އުޅަނދު ހަވާލުކުރުމުގެ ލިޔުން ބަދަލުކުރުމަށްފަހު، މަނަވަރުގެ ކޮމާންޑިންގ އޮފިސަރާއި ކުރޫން މަނަވަރަށް އަރައި، ދިވެހިރާއްޖޭގެ ދިދަ ނަގައި ރަސްމީކޮށް މަނަވަރާ ހަވާލުވެފައިވާކަމަށްވެސް އެމްއެންޑީއެފުން ބުނެފައި ވެއެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމާޑާންޓް، ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ސަލީމް ވަނީ، މިއީ ރާއްޖޭގެ ކަނޑުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ލިބުނު އަގުނުކުރެވޭ ފަދަ އެހީއެއްކަން ފާހަގަކުރައްވައި، އޮސްޓްރޭލިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. އަދި، ރޯޔަލް އޮސްޓްރޭލިއަން ނޭވީގެ ރިއަރ އެޑްމިރަލް ބްރެޓް ސޮންޓާގެ ވާހަކަފުޅުގައި، ސަރަހައްދީ ސަލާމަތީ ގޮންޖެހުންތަކާ ކުރިމަތިލުމުގައި ދެ ގައުމުގެ ބަދަހި ގުޅުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
މި އުޅަނދަކީ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ.މުޙައްމަދު މުޢިއްޒު، ދިވެހި އަސްކަރިއްޔާގެ ދިފާއީ ވަސީލަތްތައް ވަރުގަދަކޮށް، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އޮސްޓްރޭލިއާ ސަރުކާރާ އެކު ކުރެއްވި މަސައްކަތްޕުޅުން ހޯއްދަވައިދެއްވި އުޅަނދެކެވެ.މިއީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓައި ރައްކާތެރިކުރުމަށާއި، ކަނޑުމަތީގެ ނުރައްކާތަކާއި ގޮންޖެހުންތަކާ ކުރިމަތިލުމުގައި ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމަށް ލިބުނު ވަރަށް މުހިންމު އެހީއެއެއްގެގޮތުގައި އެމްއެންޑީއެފުން ފާހަގަކޮށްފައިވެއެވެ.
ކޯސްޓްގާޑުގެ އޮޕަރޭޝަނަލް ކެޕޭސިޓީ ދެގުނަކޮށް، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ފުރިހަމައަށް ބެލެހެއްޓޭނެ ފަދަ ބާރަކަށް އެމްއެންޑީއެފް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ މުހިންމު ވައުދުފުޅެކެވެ.